"ވާޖިން ހޮލިޑޭސް ގޯލްޑް އެވޯޑް 2011"ގައި އިންޑިއާ ކަނޑުގެ އެއް ވަނަ ހޮޓަލަކަށް ރާއްޖޭގެ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ ހޮވިއްޖެ އެވެ.

ވާޖިން ހޮލިޑޭސް ކުންފުނިން ކޮންމެ އަހަރަކު ބާއްވާ މި އެވޯޑް ސެންޓާރާ ރިސޯޓަށް ހަވާލުކޮށްފައި ވަނީ ނިމިގެން ދިޔަ ނޮވެމްބަރު މަހު ލަންޑަންގައި ބޭއްވި ވޯލްޑް ޓްރެވަލް މާޓްގަ އެވެ. ވާޖިން ހޮލިޑޭސް އިން ފޮނުވާ ޓޫރިސްޓުންގެ ހިޔާލުގެ މައްޗަށް ބިނާކޮށް، ދީފައިވާ މި އެވޯޑާ އެ ރިސޯޓްގެ ފަރާތުން ހަވާލުވެލެއްވީ ސެންޓާރާ ގްރޫޕުގެ ވައިސް ޕްރެޒިޑެންޓް ފޯ ސޭލްސް އެންޑް މާކެޓިން ކްރިސް ބެލީ އެވެ.

މީގެ ތިން އަހަރު ކުރިން އދ. މައްޗަފުށީގައި ހުޅުވި ސެންޓާރާ ރިސޯޓަކީ ތައިލެންޑްގެ ސެންޓާރާ ގްރޫޕުން ހުޅުވައި ހިންގަމުން އަންނަ ރިސޯޓެކެވެ. އެ ރިސޯޓަކީ ސެންޓާރާ ގްރޫޕުން ރާއްޖޭގައި މިހާތަނަށް ހުޅުވި ހަމައެކަނި ރިސޯޓެވެ. އަދި އެއީ އެ ކުންފުނިން ތައިލެންޑުން ބޭރުގައި ހުޅުވި ފުރަތަމަ ރިސޯޓު ވެސްމެ އެވެ. ނަމަވެސް އަންނަ އަހަރުގެ ތެރޭގައި ސެންޓާރާ ގްރޫޕުން "ސެންޓާރާ ގިރާވަރު އެންޑް ސްޕާ"ގެ ނަމުގައި އިތުރު ރިސޯޓެއް ރާއްޖޭގައި ހުޅުވަން ވަނީ ހަމަޖެހިފަ އެވެ. ދުއިސައްތަ ފަންސާސް އެނދުގެ ޖާގައިގެ އެ ރިސޯޓް ތަރައްގީ ކުރުމަށް ސެންޓާރާ އިން ވަނީ ގާތްގަނޑަކަށް 53 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.