22 Jun 2010, 10:28
14:30
ޕާކްކޮށްފައި އޮތް ޓެކްސީއެއްގައި ބަޔަކު ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން އެ ކާރުގެ ބޮޑު ބައެއް އަނދައިފި އެވެ.
ފުލުހުން ބުނީ ރޭ ގާތްގަނޑަކަށް 2:30 ހާއިރު ގަލޮޅު ޔޫތު ސެންޓަރު ފުރަގަހުން އޮންނަ ތަބްރޭޒީ މަގުގައި އޮތް އެ ޓެކްސީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ އެމްއެންޑީއެފުން ކަމަށާއި އެހާދިސާ ހިނގިއިރު ޓެކްސީގައި އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި އެ ހާދިސާގެ ސަބަބުން ޓެކްސީގެ ބޮޑު ބައެއްގައި ރޯވުމުގެ އިތުރުން އެއްވެސް މީހަކަށް އަދި އެހެން އެއްވެސް އެއްޗަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި ހާދިސާ ހިނގީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްގެ ސަބަބުން ކަމަށް ބެލެވޭނެ ހެކިތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.