26 Jan 2020, 13:38
ބެއިޖިން (ޖެނުއަރީ 26): ޗައިނާގައި ވަލު ޖަނަވާރު ވިއްކާ ބާޒާރަކުން ފެތުރެން ފެށި ކަމަށް ބެލެވޭ އާ ކޮރޯނާވައިރަސްއާ ގުޅިގެން އެގައުމުގައި އެބާވަތުގެ ޖަނަވާރު ގެންގުޅުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި ވިއްކުން މަނާކޮށްފިއެވެ.
ޗައިނާގެ ދަނޑުވެރިކަމާ ކަމާ ބެހޭ މިނިސްޓްރީ އާއި ފޮރެސްޓަރީ ބިއުރޯއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދުން ފެށިގެން އެގައުމުގެ އެއްވެސް ބާޒާރެއްގައި ނުވަތަ ރެސްޓޯރެންޓެއްގައި ނުވަތަ އޮންލައިންކޮށްވެސް ވަލު ޖަނަވާރުގެ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. އަދި އެއީ ގައުމުގައި ވައިރަސް ފެތުރެމުންދާތީ އެޅި ވަގުތީ ފިޔަވަޅެކެވެ.
ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާންއިން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާވައިރަސް (2019-އެންސީއޯވީ) ވަނީ މިހާތަނަށް މުޅި ދުނިޔެއިން 2،000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑުން ފެނިފައި އެވެ. އޭގެ ތެރޭގައި ޗައިނާގެ 1،975 މީހުން ހިމެނެ އެވެ. އަދި އެ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 56 އަށް އަރާފައި އެވެ.
ޗައިނާއިން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވޫހާންއާއި އެތައް މިލިއަން މީހުން ދިރިއުޅޭ އިތުރު ސިޓީތަކުގައި ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައެވެ. އަދި ވައިރަސް ފުރަތަމަ ފެތުރެން ފެށިކަމަށް ބެލެވޭ ހުއަނަން ސީފުޑް މާކެޓް މިހާރު ވަނީ ބަންދުކޮށްފައެވެ. އެތަނުން ކަނޑުމަހުގެ އިތުރުން ދިރޭ ވަލު ޖަނަވާރާއި އޭގެ ބައިތައް ކެއުމަށްޓަކައި ވިއްކަމުން ދިޔައެވެ. އޭގެ ތެރޭގައި ހިޔަޅާއި ނަގުލަންދާށްޓާއި ކިނބުލާއި އެފަދަ ޖަނަވާރުގެ ނަގުލާއި ދުލާއި ގޮހޮރު ހިމެނެއެވެ.
ޗައިނާގެ އިތުރުން މެލޭޝިއާ، ޓައިވާން، ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ، އެމެރިކާ، އޮސްޓްރޭލިއާ، ފްރާންސް، ސިންގަޕޫރު، ނޭޕާލް އަދި ވިއެޓްނާމް އިންވެސް ކޮރޯނާވައިރަސް ވަނީ ފެނިފަ އެވެ.