ދެ ހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ސާފު ސީދާ އަޣުލަބިއްޔަތުން އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން "މެންބަރަކަށް މެންބަރެއް" އިތުރުކުރުމުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ވެރިކަމަށް ތިން އަހަރުވެގެން ދިޔައިރު ނެގި އެކިއެކި ވޯޓްތަކުގެ ނަތީޖާ ބެލުމުން 2013 ވަނަ އަހަރުގެ އިންތިހާބު ކަށަވަރުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުން މިހާތަނަށް ސަރުކާރަށް ދީފައިވާ ތާއިދު ހާމަވާ އެއް ހެއްކަކީ 2008 ވަނަ އަހަރުގެ "ރިޔާސީ އިންތިހާބުގެ 28 ޕަސަންޓް ވޯޓުން" ދެ ވަނަ ބުރަށް ގޮސް އިންތިހާބު ކާމިޔަބު ކުރުމަށް ފަހު ޖެހިގެން އައި އިންތިހާބްތަކުގައި އެ ޕާޓީ އަށް ލިބިފައިވާ ކާމިޔަބް އިތުރުވުން ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ފަހު ޖެހިގެން އައި މަޖިލިހުގެ އިންތިހާބުގައި 38 ޕަސަންޓް ވޯޓްލިބިފަވާ އިރު އޭގެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްގެ ނަތީޖާ އިން 48 ޕަސަންޓްގެ ކުރިއެރުމެއް އެމްޑީޕީ އަށް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ ރޭހުގެ ފުރަތަމަ ބުރުން އެމްޑީޕީ އަށް 28 ޕަސެންޓް ވޯޓް ލިބިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއަސް، އެމްޑީޕީ އަށް އެ އިންތިހާބުގެ ފުރަތަމަ ބުރުން ލިބިފައި ވަނީ 25 ޕަސެންޓް ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބިފައި ވަނީ، 26 ގޮޑި، 33 ޕަސެންޓެވެ.

"ބައްލަވާ އިހަކަށް ދުވަހު ނިމުނު ތިން ބައިއިލެކްޝަން ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް 53 ޕަސަންޓްގެ ވޯޓްލިބިފައިވޭ. އެހެންވީމާ މި ހުރިހާ ކަމެއްގެ ނަތީޖާ އަށް ބަލައި ދެންނެވެން އޮތީ އަންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 60 ޕަސަންޓްގެ ނަތީޖާއެއް ހޯދުމަށް ފަހު އެ އިންތިބު އެމްޑީޕީން ކާމިޔާބް ކުރާނެ ކަމާ މެދު އެއްވެސް ޝައްކެތް ނެތް،" ރައީސް ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެ ކަމަށް ވާހަކަ ދައްކަވާ އިރު، 2013 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ސީދާ ނަޝީދު ކަމެއް އެ ޕާޓީއަކުން އަދި ރަސްމީކޮށެއް ނުނިންމަ އެވެ.
އަދި އެ ޕާޓީގެ މަޖިލީހުގެ ބައެއް މެންބަރުން ތުހުމަތު ކުރައްވަނީ، އެމްޑީޕީގެ ޗެއާޕާސަން، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވެސް އުޅުއްވަނީ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކަމަށެވެ. ނަމަވެސް މޫސާ ރޭ ވިދާޅުވީ އަންނަ ރިޔާސީ އިމްތިހާބުގައި އެ ޕާޓީން ވާދަ ކުރައްވާނީ ރައީސް ނަޝީދު ކަމަށެވެ.

ރައީސް އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި އިގްތިސާދާއި ދީނައި ސަގާފަތް މުޅިން ގެއްލިގެން ދަނިކޮށް އެކަމުން ރާއްޖެ ސަލާމަތްކޮށް ކުރުމުގެ ގޮތުން އެމްޑީޕީން ވެރިކަން ބަދަލުކުރި ކަމަށާއި އަދި ވެރިކަމަށް ތިން އަހަރު ފުރިގެން މިދާ ދަނޑިވަޅުގައި އަންނަ އަހަރަށް ސަރުކާރުން ހުށައެޅި ބަޖެ ޓަކީ "ޑިއުޓީ ފްރީ" ބަޖެޓެއް ކަމަށެވެ.

"ދެ ހާސް ބާރަ ވަނަ އަހަރަކީ ޑިއުޓީ ފުރީ އަހަރެއް. އަޅުގަނޑުމެން ޑިއުޓީ ނުނަގައި 700 މިލިއަން ރުފިޔާ ދައުލަތަށް ނުނަގާ ވިޔަފާރިވެރިންނަށް ދޫކޮށްލިން،" ރައީސް ވިދާޅުވި އެވެ.

އަންނަ މަހު އެއް ވަނަ ދުވަހު ބައެއް މުދަލުން ޑިއުޓީ ނުނަގާ އިރު ބައެއް ތަކެތިގެ ޖީއެސްޓީ ވެސް ސަރުކާރުން ކަނޑާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރަށް ޑިއުޓީ ކަނޑާލުމާ އެކު އަގުހެޔޮކުރާނެ ބައެއް ތަކެތީގެ ލިސްޓެއް ވެސް ވަރަށް އަވަހަށް އެސްޓީއޯ އިން ނެރޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ މަހުން ފެށިގެން ގިނަ އިމްޕޯޓްކުރާ ގިނަ އައިޓަމްތަކަކުން ޑިއުޓީ ކަނޑާލާ އިރު، މިހާރު 3.5 ޕަސެންޓްގައި ނަގަމުން އަންނަ ޖީއެސްޓީ އަންނަ މަހުން ފެށިގެން ނަގާނީ ހަ ޕަސެންޓެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

President Nasheed (mp3)