03 Dec 2011, 09:43
ލަންޑަން (ޑިސެމްބަރ 3) : ބަނގުރާ ބުއިމުގެ ސަބަބުން އިނގިރޭސިވިލާތުގެ ޒުވާނުންގެ ޗިސްމޭ ހަލާކުވެ ފުރާނައަށް ނުރައްކާވާވަރުގެ ބަލިތައްޖެހޭ ޒުވާނުންގެ ނިސްބަތް އިތުރުވަމުންދާކަން "ބްރިޓިޝް މެޑިކަލް ސަރވިސަސް ސްޓެޓިސްޓިކްސް" އިން ހާމަވެއްޖެވެ.
މިދިޔަ ހަފްތާގައި އިނގިރޭސި މީޑިޔާގައި ޝާއިޢުކޮށްފައިވާ ސިއްޙަތާބެހޭ ތަފާސްހިސާބުތައް ބުނާގޮތުން އިނގިރޭސި ދެޖިންސްގެ ޒުވާނުންގެ މެދުގައި ބަނގުރާ ބުއިމާއި ބަނގުރަލަށް އެޑިކްޓް ވުމުގެ މައްސަލަދަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ބޮޑުވަމުންނެވެ.
މިގޮތުން ބަނގުރަލުގެ ސަބަބުން ޗިސްމޭ ހަލާކުވުމާއި ފުރާނައަށް ނުރައްކާވާފަދަ ބަލިތައްޖެހިފައިވާ އުމުރުން 25 އަހަރާއި 29 އަހަރުގެ ޒުވާނުންގެ ނިސްބަތް 2002 އާއި 2003 ގައި 60% ށް އިތުރުވެފައިވާއިރު މިފަދަ ބަލިތައް ޖެހިފައިވާ އެޢުމުރުގެ ޒުވާނުންގެ ނިސްބަތް 2009 އާއި 2010 އާ ދެމެދުވަނީ 88% ށް އިތުރުވެފައެވެ.
އަދި ބަނގުރަލަށް އެޑިކްޓް ވުމުގެ ސަބަބުން ޗިސްމޭ ހަލާކުވެފައިވާ 30 އަހަރާއި 34 އަހަރާ ދެމެދުގެ ފިރިހެނުންގެ ނިސްބަތް، ކުރިން ފާހަގަކުރި މުއްދަތުގައި 56% ށް އިތުރުވެފައިވާއިރު ބަނގުރަލަށް އެޑިކްޓްވުމުގެ ސަބަބުން ޗިސްމޭ ހަލާކުވެފައިވާ 30 އަހަރާއި 34 އަހަރާ ދެމެދުގެއަންހެނުންގެ ނިސްބަތްވަނީ 68% ށް އިތުރުވެފައެވެ.
ހަމައެފަދައިން ބަނގުރަލަށް އެޑިކްޓްވުމުގެ ސަބަބުން ޗިސްމޭ ހަލާކުވުމުގެ މައްސަލަ ކުރިމަތިވެފައިވާ 15 އަހަރާއި 19 އަހަރުގެ ޒުވާނުންގެ ނިސްބަތްވެސްވަނީ 4%ން 8% ށް މައްޗަށް ގޮސްފައެވެ.
ޗިސްމޭ ހަލާކުވުމާބެހޭގޮތުން ކަމާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރަކު ދަ ގާޑިޔަން ނޫހުގައި ލިޔުއްވާފައިވާ ލިޔުމެއް ބުނާގޮތުން ޅައުމުރުގައި ބަނގުރާ ބޮމުންދާ މިންވަރަކަށް އުމުރު މައްޗަށް ދިޔުމުން ޗިސްމޭ ހަލާކުވުމުގެ މައްސަލަ ކުރުމަތިވުމުގެ ފުރްސަތު ބޮޑުވާނެއެވެ. މިގޮތުން ވިހީގެ އަހަރުތަކުގައާއި ތިރީހުގެ އަހަރުތަކުގައި ޗިސްމޭ ހަލާކުވެފައިވާ ދެޖިންސުގެ މީހުންނަކީ އެމީހުންގެ ޅައުމުރުގައި ބަނގުރާ ބޯންފެށި މީހުން ކަމަށް ވެދާނެ ކަމަށް މިލިޔުން ބުނެއެވެ.
ބަނގުރަލުގެ ނުރައްކަލުގެ އިންޒާރުދޭ މިތަފާސް ހިސާބުތަކާ ގުޅިގެން ބްރިޓިޝް މެޑިކަލް އެސޯސިއޭޝަނުންވަނީ ރާބުއިން ހުއްޓުވުމުގެ ހޭލުންތެރިކަން އިނގިރޭސި މުޖްތަމަޢުގައި ފެތުރުމުގެ ކޭންޕޭނެއް ފެށުމަށާއި ބަނގުރަލުގެ ނުރައްކާ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ އަވަސް މަސައްކަތްތަކެއް ފެށުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާފައެވެ. (ދަ ގާރޑިޔަން)