ވޮޝިންޓަން (26 ޖަނަވަރީ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމާބެހޭގޮތުން ސެނެޓްގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތުގައި ހަގީގަތަށް ބެލުމެއްނެތި ޓްރަމްޕް ދިފާއުކުރައްވައި އޭނާގެ ދިފާއީ ޓީމުން ވާހަކަ ދައްކައިފިއެވެ.

ޓްރަމްޕްގެ ދިފާއީ ޓީމުގައި އިސްކޮށް ހުންނަވާ ޕެޓް ސިޕޮލޯނީ ވިދާޅުވީ ޓްރަމްޕް އެއްވެސް ކުށެއް ނުކުރައްވާ ކަމަށާ އެމެރިކާގެ އެއްވެސް ގާނޫނަކާ އޭނާ ޚިލާފުވެފައިނުވާ ކަމުގައެވެ. މީގެއިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ އަމަލެއްވެސް ޓްރަމްޕް ހިންގާފައި ނުވާކަމަށް ސިޕޮލޯނީ ވިދާޅުވިއެވެ. ސިޕޮލޯނީ އަކީ ވައިޓް ހައުސްގެ ލީގަލް ކޮއުންސަލް ނުވަތަ ގާނޫނީ މުސްތަޝާރެވެ.

ޓްރަމްޕްގެ މައްޗަށް ދެ ތުހުމަތެއް ސާބިތުވާ ކަމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ކުރި ބަރުލަމާނީ ތަހްގީގްތަކުން ވަނީ ހާމަވެފައެވެ. އެއީ ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މަސައްކަތްތަކަށް ޓްރަމްޕް ހުރަސްއެޅުއްވި ކަމުގެ ތުހުމަތެވެ. ސެނެޓުން ބަލަނީ ހައުސް ގެ ތަހްގީގްތަކުން ސާބިތުވެފައިވާ މިދެ ކުށަކީ ހަގީގަތެއްތޯ ބެލުމުގެ މަސައްކަތެވެ. ނަމަވެސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަޣްލަބިއްޔަތު އޮންނަ ސެނެޓުންވަނީ މިކަން ސާބިތުކުރުމަށްޓަކައި ޓްރަމްޕާ ދެކޮޅަށް ހެކިބަސްދޭނެ ހެކިން ހާޒިރުކުރުމަށް ދެކޮޅު ހަދާފައެވެ.

ޓްރަމްޕްގެ ދިފާއީ ޓީމުގެ ވެރިޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ގޮތުން ޓްރަމްޕް ކުރެއްވިކަމެއްގެ ގޮތުގައި ހައުސް ގެ ތަހްގީގްތަކަށް ސާބިތުވެފައިވަނީ ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލިންސްކީ އާ ފޯނުން ގުޅުއްވައި ޓްރަމްޕްގެ ސިޔާސީ ވާދަވެރިއެއްކަމަށްވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ގެ މައްޗަށް ޔުކްރޭންގައި ތަހްގީގެއް ހިންގުމަށް އެދިވަޑައިގަތުމެވެ. ޒިލިންސްކީ މިކަން ކޮށްނުދެއްވައިފިނަމަ އެމެރިކާއިން ޔުކްރޭނަށް ދިނުމަށް ނިންމާފައިވާ މާލީ އެހީ ނުދޭނެކަމުގެ ބިރުވެސް ޓްރަމްޕް ދެއްކެވިކަމަށް އޭނާއާ ދެކޮޅަށް ހެކިބަސްދިން ފަރާތްތަކުން ބުނެފައިވެއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މަސައްކަތްތަކަށް ޓްރަމްޕް ހުރަސްއެޅުއްވިކަން ސާބިތުވެފައިވަނީ ހެކިންގެ ގޮތުގައި ތަހްގީގްތަކަށް ހާޒިރުވުމަށް ހައުސް އިން އެންގި ބޭފުޅުންގެ ކިބައިން ހެކިބަސް ނުދިނުމަށާއި ހައުސް އަށް އެއްބާރުނުލުން ނުދިނުމަށް ޓްރަމްޕް އެދިވަޑައިގަތް އެދިވަޑައިގަތުމެވެ. ހެކިންގެ ގޮތުގައި ހާޒިރުވުމަށް ހައުސް އިން އެންގި ވައިޓް ހައުސްގެ މުވައްޒަފުން ހައުސްގެ ތަހްގީގްތަކަށް ހާޒިރުނުވުމަށް ޓްރަމްޕް އެންގެވިކަން ވަނީ ހާމަވެފައެވެ.

ޕްރޮސެކިއުޓަރުންގެ ޓީމުގެ ވެރިޔާ އެޑަމް ޝިފް ވާހަކަ ދައްކަވަނީޓްރަމްޕް މަގާމުން ދުރުކުރުމާބެހޭގޮތުން ސެނެޓުގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތް ހަފުތާއަކު ހަ ދުވަހު ދުވާލަކު ހަގަޑިއިރު ކުރިޔަށް ގެންދެއެވެ. ޝަރީއަތް ކުރިއަށް ގެންދާއިރު ޖޫރީންގެ ގޮތުގައިސެނެޓްގެ ތަޅުމުގައި ތިއްބަވަނީ ސެނެޓްގެ މެމްބަރުންނެވެ. ޝަރީއަތުގައި ޕްރޮސެކިއުޓަރުންގެ ގޮތުގައި ތިއްބަވަނީ ހައުސްގެ ޓީމެކެވެ. އެޓީމުގެ ވެރިއަކީ ހައުސްގެ ޑިމޮކްރެޓިކް މެންބަރެއްކަމަށްވާ އެޑަމް ޝިފް އެވެ. އޭނާއަކީ ކުރިން އެމެރިކާގެ ޕްރޮސެކިއުޓަރުކަން ކުރައްވާފައިވާ ގާނޫނީ ތަޖްރިބާކާރެކެވެ.

ޓްރަމްޕްގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވަނީ ވައިޓް ހައުސްގެ ލީގަލް ކޮއުންސަލް ޕެޓް ސިޕޮލޯނީ އެވެ. އޭނާ ގެންދަވަނީ ޓްރަމްޕް ގެ މައްޗަށް ހައުސްގެ ތަހްގީގްތަކުން ސާބިތުވެފައިވާ ކުށްތަކަށް އިންކާރު ކުރައްވަމުންނެވެ. އަދި ސެނެޓްގައި ހިމެނޭ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ވިސްނުމަކީ ކޮންމެ ހާލަތެއްގައިވެސް ޓްރަމްޕް ދިފާއުކުރެއްވުމެވެ. އެހެންކަމުން ޓްރަމްޕްގެ މައްޗަށް ކުރެވޭ ބަރުލަމާނީ ޝަރީއަތުގައި އެމެރިކާގެ ސިޔާސީ ބޭފުޅުންގެ ފަރާތްޕުޅުން ފެންނަނީ ޑިމޮކްރަސީ ފައްކާނުވާ ތިންވަނަ ދުނިޔޭގެ ކުދި ގައުމުތަކުން ފެންނަފަދަ ހަގީގަތަށް ބެލުމެއްނެތި ވަކި ބޭފުޅަކު ދިފާއުކުރެއްވުމުގެ މަންޒަރުކަމަށް މުރާސިލުން ބުނެއެވެ. (ނޫސް އެޖެންސީތައް)