03 Dec 2011, 09:37
ލަންޑަން (ޑިސެމްބަރ 2) : ހަނގުރާމައިގެ މުޖްރިމެއް ކަމަށް ތުހުމަތުވެފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ހިފައި ހައްޔަރުކުރުމަށް އޭނާ އަންނަ ހަފްތާގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ އެފްރިކާގެ ޤައުމުތަކުގެ ސަރުކާރުތަކަށް "އެމްނެސްޓީ އިންޓަރނޭޝަނަލް"އިން ގޮވާލައިފި އެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އދ.ގެ ޖަމާއަތް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޤާނޫނީ ޓީމުގެ އިސް މުސްތަޝާރު މެޓް ޕޮލާޑް ވިދާޅުވީ ބުޝްއަކީ ޢިރާޤާއި އަފްޣާނިސްތާނުގެ ކުށެއްނެތް އެތައް ހާސްބައެއްގެ މަރުގެ ޒިންމާ އުފަލަންޖެހުމުގެ އިތުރުން ގުއަންޓެނާމޯ ޖަލުގައި އެމެރިކާ ހިންގި ލާއިންސާނީ ޢަމަލުތަކުގެ ފަހަތުގައިވާ ބޭފުޅެއް ކަމަށް ތުހުމަތުކުރެވިފައިވާ ކަމަށާއި ބުޝް ފަދަ މުޖްރިމަކަށް ޢަދާލަތުން ފިއްލަވައިގެން އުޅުއްވުމުގެ ފުރްސަތު ދެވިގެންނުވާނެ ކަމުގަ އެވެ.
ދުނިޔޭގައި މިހާރު ހުރި އެންމެ ނުރައްކާތެރި އެއްމުޖްރިމް ކަމަށް ބެލެވިފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔުބުޝް އާއި އޭނާގެ ބައިވެރިޔާ ކަމަށްވާ އިނގިރޭސިކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އަކީ ހަނގުރާމައިގެ ނުރައްކާތެރި ދެ މުޖްރިމުން ކަމަށް ދުނިޔޭގެ މިނިވަން ޒަމީރުގެ ކޯޓްތަކުން ވަނީ ޙުކުމްކޮށްފަ އެވެ. މީގެތެރޭގައި ދާދިފަހުން މެލޭޝިޔާގައި ޤާއިމްކުރި ދުނިޔޭގެ ރައްޔިތުންގެ ޒަމީރުގެ ކޯޓާއި 2007 ވަނަ އަހަރު ޤާހިރާގައި ޤާއިމްކުރި ދުނިޔޭގެ ރައްޔިތުންގެ ޒަމީރުގެ ކޯޓު ވެސް ހިމެނެ އެވެ.
މިކޯޓްތަކުގައި ބުޝް އާއި ބްލެއާގެ އިތުރުން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ އާއި އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑް ހިމެނެ އެވެ.
އަންނަ ހަފްތާގައި ބުޝް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ އެފްރިކާގެ ތިން ޤައުމުކަމަށްވާ ޓެންޒެނިޔާ، ޒެމްބިޔާ އަދި އިތިއޮޕިޔާގެ ސަރުކާރުތަކަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޤާނޫނީ ޓީމުގެ އިސް މުސްތަޝާރު މެޓް ޕޮލާޑް ގޮވާލެއްވީ ބުޝް ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމުގައި އެހީތެރިވުމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ބުޝް ސްވިޓްޒަލޭންޑަށް ޒިޔާރަތްކުރައްވަން އުޅުއްވުމުން ވެސް އެމްނެސްޓީން ވަނީ އޭނާ ހިފައި ހައްޔަރުކުރުމަށް ސްވިސް ސަރުކާރަށް ގޮވާލާފަ އެވެ. މިކަމުގެ ސަބަބުން ބުޝް ވަނީ ސްވިސްޓަރލޭންޑަށް ކުރައްވަން ގަސްދުކުރެއްވި ދަތުރުފުޅު ކެންސަލް ކުރައްވާފަ އެވެ. (ރޮއިޓާސް+އަލްޖަޒީރާ)