އަންނަ އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާ ގުޅޭގޮތުން 41 މައްސަލައެއް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ވޯޓާސް ލިސްޓަށް އިއްޔެގެ ނިޔަލަށް ވަނީ 41 މައްސަލައެއް ހުށަހަޅާފައި ކަމަށެވެ.

މި މަހުގެ 31ގެ ނިޔަލަށް، ވޯޓާސް ލިސްޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

މިދިޔަ ހޯމަ ދުވަހު އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި ބުނާގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި 269،562 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ކައުންސިލްތަކުގެ 33 ޕަސަންޓް އަންހެނުންނަށް ހާއްސަ ކުރަން ޖެހެއެވެ. އަދި އާބާދީ 3،000 އަށް ވުރެ މަތީގެ ރަށްތަކަށް ހަތް ކައުންސިލަރުން ހޮވަން ޖެހެއެވެ.

އިންތިހާބުގައި ވާދަކުރަން ބައެއް ޕާޓީތަކުން މިހާރު ދަނީ ޕްރައިމަރީތައް ބާއްވަން ތައްޔާރުވަމުންނެވެ.