ކުއަލަލަމްޕޫރު (ޖެނުއަރީ 25): މެލޭޝިއާގައި ތިން މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސް (2019-އެންސީއޯވީ)އަށް މެލޭޝިއާއިން ޕޮޒިޓިވްވި ތިން މީހުންނަކީ ޗައިނާގެ ރައްޔިތުން ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުންޏެވެ. އެ ތިން މީހުންގެ ތެރޭގައި 65 އަހަރުގެ އަންހެނަކާއި ދެ އަހަރާއި 11 އަހަރާ ދެމެދުގެ ދެ ކުދިން ހިމެނެ އެވެ. އަދި އެމީހުންނަށް މިހާރު ދަނީ ކުއަލަލަމްޕޫރުގައި ހުންނަ ސުންގައި ބުލޯ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި ތިން މީހުންގެ ހާލު ރަނގަޅު ކަމަށް މެލޭޝިއާގެ ނިއު ސްޓްރެއިޓްސް ޓައިމްސްއިން ރިޕޯޓު ކުރި އެވެ.

އެ މީހުންނަކީ މިމަހުގެ 20ގައި ޗައިނާގެ ގުއަންޝޯއިން ސިންގަޕޫރަށް ދަތުރު ކުރި ދެ އާއިލާއެއްގެ 10 މީހުންގެ ގުރޫޕަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން އެއް އާއިލާގެ ކާފަ އާއި އޭނާގެ ފިރިހެން ދަރިފުޅު ސިންގަޕޫރުގައި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ، އެމީހުންނަށް ދަނީ އެގައުމުގައި ފަރުވާ ދެމުންނެވެ. އަދި އޭގެ ފަހުން އެ ދެ އާއިލާގެ އެހެން މެމްބަރުން މެލޭޝިއާއަށް ދިޔުމުން އޭގެ ތެރެއިން އެއް އާއިލާގެ ތިން މީހުން ވެސް ވައިރަސްއަށް ޕޮޒިޓިވްވީ އެވެ.

އެހެންކަމުން އެ ގުރޫޕުގެ ދެން ތިބި މީހުންވެސް ވައިރަސްއަށް ޓެސްޓު ކުރުމަށް ފަހު، ނެގެޓިވްވި މީހުން ޗައިނާއަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާންއިން ފުރަތަމަ ފެނުނު އެ ވައިރަސް މިހާތަނަށް 1،300 މީހެއްގެ ހަށިގަނޑުން ފެނިފައިވާ ކަމަށް މިއަދު އެގައުމުން ބުންޏެވެ. އަދި އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 41އަށް އަރާފައިވާ ކަމަށް ވެސް އެގައުމުން ބުންޏެވެ.

އެ ވައިރަސް ވަނީ ޗައިނާގެ 30 ޕްރޮވިންސަކަށް ފެތުރިފަ އެވެ. އަދި އެގައުމުން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވޫހާން އާއި އިތުރު 13 ސިޓީއެއް ކަރަންޓީނުކޮށްފަ އެވެ.

ޗައިނާގެ އިތުރުން ޖަޕާން (2)، ތައިލޭންޑް (5)، ދެކުނު ކޮރެއާ (2)، އެމެރިކާ (2)، އޮސްޓްރޭލިއާ (1)، ފްރާންސް (3)، ސިންގަޕޫރު (3)، ނޭޕާލް (1) އަދި ވިއެޓްނާމް (2)އިންވެސް ކޮރޯނާވައިރަސް ވަނީ ފެނިފަ އެވެ. އަދި ޗައިނާއަށް ދަތުރު ކުރުމަށް ފަހު އިންޑިއާއަށް ދިޔަ 11 މީހެއްގެ ފަރާތުން ވައިރަސް ހުރި ކަމުގެ އަލާމާތްތައް ފެނުމާ ގުޅިގެން، އެމީހުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ހާލު ބަލަމުންދާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވައިރަސްއަށް ނެގެޓިވްވެފައިވާ ކަމަށް ޔޫނިއަން ހެލްތު މިނިސްޓްރީން ބުންޏެވެ.