އިސްލާމްއާބާދު (ޑިސެމްބަރ 3) : ނޭޓޯއިން ކުރިމަގުގައި ޕާކިސްތާނަށް ދޭ ޙަމަލާތަކަށް ރައްދުދިނުމަށް ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤު ކިޔާނީ އަމުރުކުރައްވައިފިއެވެ.

ޕާކިސްތާނުގެ "އެކްސް ޕްރެސް ޓްރިބިޔޮން" ނޫސް ބުނިގޮތުގައި ޖެނެރަލް އަޝްފާޤް ކިޔާނީ ޕާކިސްތާން ސިފައިންނަށާއި ސަރަޙައްދީ ރޮނގު ބަލަހައްޓާ ގާޑުންނަށް ފޮނުއްވި އަމުރެއްގައިވަނީ ނޭޓޯއިން އެއްވެސް ޙަމަލާއެއް ޕާކިސްތާނުގެ އެއްވެސް ތަނަކަށް ދީފިނަމަ އެޙަމަލާދިން ނޭޓޯގެ މަސްދަރަށް ރައްދު ޙަމަލާ ދިނުމަށެވެ.

މިދިޔަ ނޮވެމްބަރ މަހުގެ ފަހުކޮޅު ނޭޓޯއިން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލީ ގަސްދުގައި ކަމަށާއި މިއީ ޕާކިސްތާނާ ދެކޮޅަށް ނޭޓޯއިން ހިންގި ޢުދުވާނެއް ކަމަށް ޕާކިސްތާން ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް އަޝްފާޤް ނަދީމް ސިފަކުރައްވާފައިވެއެވެ. ނޭޓޯއިން ޕާކިސްތާނުގެ ބިމަށް ޙަމަލާދޭން ފެށުމުން ޙަމަލާދެނީ ޕާކިސްތާނުގެ ބިމަށްކަން ހަނދާންކޮށްދީ ޙަމަލާތައް ހުއްޓާލުމަށް އެދި ނޭޓޯއަށް ތަކުރާރުކޮށް އިލްތިމާސްކުރުމުންވެސް ޙަމަލާތައް ހުއްޓާލާފައިނުވާ މައްސަލަ އޭނާ ފާހަގަކުރައްވާފައިވެއެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ޢަސްކަރީ ހެލިކޮޕްޓަރަކުން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލައި 14 މީހަކު ޒަޚަމްކޮށްލި މައްސަލަ ޕާކިސްތާނުގައިވަނީ ވަރަށް ހޫނުވެފައެވެ. މިމައްސަލައާ ގުޅިގެން ވަކިމުއްދަތެއްނެތް ގޮތަށް ޕާކިސްތާނުންވަނީ ނޭޓޯގެ ސަޕްލައިތައް ހިފަހައްޓައި ނޭޓޯގެ ސަޕްލައިގެ މަގުތައްވެސް ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ސިފައިންނަށްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ ރައްޔިތުން ގެންދަނީ ނޭޓޯއާދެކޮޅަށް މުޒާހަރާކޮށް ޕާކިސްތާނުން ނޭޓޯއަށްދޭ އެއްބާރުލުން މުޅިން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީވަނީ ނޭޓޯއާއި ޕާކިސްތާނުގެ ގުޅުންތައް އަލުން މުރާޖަޢާ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ނޭޓޯއިންވަނީ އެޖަމާއަތުގެ ޙަމަލާއެއްގައި ޕާކިސްތާން ސިފައިންގެ 25 މީހުން މަރުވި ކަމަށް އެއްބަސްވެ މިކަމާމެދު ދެރަވާކަން ހާމަކޮށް މިމައްސަލަ ތަޙްޤީޤް ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިމައްސަލާގައި ރަސްމީގޮތުން ޕާކިސްތާން ކިބައިން ނޭޓޯ މަޢާފަށް އެދިފައެއް ނުވެއެވެ. ޙަމަލާދެވުނީ އޮޅުމަކުން ކަމަށްވެސް ނޭޓޯއިން ބުނެއެވެ. (އަލްޖަޒީރާ)