ސްރީލަންކާ މަގުން މި ރޭ ރާއްޖެ އައި އެމިރޭޓްސް އެއާލައިންގެ މަތިންދާ ބޯޓެއް އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސައި ޓެކްސީ ކުރަން އަނބުރާލިތަނާ ބޯޓްގެ ފުރުޅުތައް ފަޅައިގެން ހިނގައްޖެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ފްލައިޓުން ދަތުރުކުރި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ދެންމެ ބުނީ ބޯޓް ރަންވޭ އަށް ޖައްސައި ޓެކްސީ ކުރަން އަނބުރާލިތަނާ ފުރޮޅުތައް ގޮވީ ކަމަށެވެ. އަދި ފަސިންޖަރުން ބޯޓްގައި ގާތްގަނޑަކަށް 45 ވަރަކަށް މިނިޓްވަންދެން ބޭއްތިއްބުމަށް ފަހު މިހާރު ފަސިންޖަރުން ޓާމިނަލަށް ވައްދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ގާތްގަނޑަކަށް ފުލް ފްލައިޓްގައި ޖެއްސި ބޯޓް އަދި ވެސް އޮތީ ރަންވޭމަތީގައި ކަމަށާއި ފޮށިތަންމަތި އަދި ވެސް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މިރޭ ސްރީލަންކާ ގަޑިން ގާތްގަނޑަކަށް 9:30 ހާކަންހާއިރު އެކޮޅުން ފުރި ފްލައިޓް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި ވަނީ، ސަަން އަށް މައުލޫމާތު ދިން ފަސިންޖަރު ބުނި ގޮތުގައި، މާލޭ ގަޑިން ގާތްގަނޑަކަށް 10:15 އެހާކަންހާއިރު އެވެ. އޭނާ ބުނީ ބޯޓްގެ ފުރޮޅުތައް ގޮވިކަން ފަހަރަރުގައި ގިނަ ފަސިންޖަރުންނަށް ނޭނގި ދާނެ ކަމަށާއި ނަމަވެސް އޭނާ އަކީ އާންމުކޮށް ދަތުރުކޮށް އުޅޭ މީހަކަށް ވާތީ ވަގުތުން އެނގުނު ކަމަށެވެ.

ނަމަވެސް ފަހުން ބޯޓްގެ ޕައިލެޓް، ބޯޓްގެ ހަތަރު ފޮރޮޅު ފަޅައިގެން ދިޔަކަން އިއުލާން ކުރެއްވި ކަމަށާއި އަދި ދިމާވި ހާދިސާ އަށް ޓަކައި މައާފަށް އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އެމިރޭޓްސްގެ ފްލައިޓެއް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި ވަގުތު ފުރޮޅުތައް ފަޅައިގެން ދިޔަ ކަން، އެއާޕޯޓް އޮޕަރޭޓް ކުރާ އިންޑިއާގެ ޖީއެމްއާރު ކުންފުނިން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމެރޭޓްސް އެއާލައިންގެ ފްލައިޓެއްގެ ފުރޮޅުތަައް ފަޅައިގެން ދިޔަ ކަމަށާއި ނަމަވެސް އެއީ މާ ބޮޑު ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބަލާ ކަމަށާއި އަދި އިމަޖެންސީއެއް ވެސް ނުހިންގާ ކަމަށެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަށް ކަން ހިނގައި ދިޔަ ގޮތް ބަލައި ސްޓޭޓްމަންޓެއް ނެރޭނެ ކަމަށެވެ.

ބޯޓް ރަންވޭމަތީގައި ބޭއްވުމަށް ފަހު ކްރޫން ވެސް މިހާރު ފައިބައިފި ކަމަށް ސަން އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އޭނާ ބުނީ ބޯޓް ރަންވޭމަތީގައި ގްރައުންޑްވެފައި އޮތުމުން އެއާޕޯޓް ފަސް ގަޑިއިރަށް ސަސްޕެންޑްކޮށްފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް ޖީއެމްއާރުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ސަން އެނގިފައިވާ ގޮތުގައި އެމިރޭޓްސް އެއާލައިންގެ މަތިންދާ ބޯޓް ރަންވޭއަށް ޖެއްސައި ޓެކްސީ ކުރަނިކޮށް ބޯޓުގެ ފުރޮޅުތައް ފަޅައިގެން ދިޔައީ ރަންވޭގެ ކަންޑިޝަން ދައްވެގެންނެވެ.

މިރޭ ފުރޮޅު ގޮވި މަތިންދާބޯޓަކީ މިރޭ އަނބުރާ ދުބާއީ އަށް ދިޔުމަށް ހަމަޖެހިފައިވާ ފްލައިޓެކެވެ.