މ. ކޮޅުފުށީ އިރުދެކުނު ފަރާތުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އޮޔާދަނީ، މި މަހުގެ 19 ވަނަ ދުވަހު ކޮޅުފުށި ފުށްޓަރު ފަރާތު ބޭރުގައި ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ބޯޓެވެ. ފުލުހުން މީގެކުރިން ބުނެފައިވަނީ އެއީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވޭ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ "ޕްރިޔާޖަނާ" ކިޔާ އެ ބޯޓު އޮޔާދާނީ ތ. އަތޮޅާއި ދ. އަތޮޅާ ދޭތެރެއިން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ބޯޓު ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ސަރަހައްދުން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.