ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައި ވަނީ ބޮޑެތި މަޝްވަރާތަކަކަށްފަހު އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންގެ ވޯޓާއެކު ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ މާލޭގެ ދާއިރާތައް ބަހާފައިވާ ގޮތާމެދު، އެ ކޮމިޝަނުގެ ކޮމިޝަނާ ފުއާދު ތައުފީގު ހިތްހަމަނުޖެހުން ފާޅުކުރެއްވުމާ ގުޅިގެންނެވެ. ފުއާދު ވިދާޅުވީ މާލޭގެ 18 ދާއިރާ ކަނޑައަޅާފައިވަނީ މާލޭގެ ހަތަރު އަވަށުގެ އިންތަކަށް ބެލުމެއްނެތި ކަމަށެވެ.

ފުއާދުގެ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް މާލޭގެ 18 ދާއިރާއަށް އާބާދީ ބެހުމަކީ އެ ކޮމިޝަނަށް ދިމާވި ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

އަދި އެކަމުގައި އެޑްވައިޒަރީ ކޮމިޓީގައާއި، ހުރިހާ ސިޔާސީ ޕާޓީތަކާއެކު ވެސް މަޝްވަރާކުރުމަށްފަހު، ދާއިރާތައް ކަނޑައެޅީ ކޮމިޝަންގެ ފަސް މެމްބަރުން ވެސް ވޯޓު ދީގެން ކަމަށެވެ.

މިކަމާ ގުޅިގެން ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސިޓީގެ ދާއިރާތައް ބެހުމުގެ ކުރިން މާލޭ ސިޓީ ކައުންސިލާއި މާލެ ރައްޔިތުންގެ މަޖިލީހުގައި މާލެ ސިޓީ ތަމްސީލުކުރައްވާ މެމްބަރުންނާއި އަދި ސިޔާސީ ޕާޓީތަކާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފައި ވާނެ ކަމަށެވެ.

އަދި މާލެ ސިޓީ އާއި އެހެން ސިޓީތަކުގެ ދާއިރާތައް ބަހާފައިވާ ގޮތަށާއި ދާއިރާތަކަށް ދީފައިވާ ނަންތަކަށް ވެސް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލިކަން ވެސް އަކްރަމް ފާހަގަކުރެއްވިއެވެ.

"ދާއިރާތައް ކަނޑައެޅިފައިވަނީ އީސީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން،" އަކްރަމް ވިދާޅުވިއެވެ.

އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މާލޭ ސިޓީގައި އިންތިހާބީ 18 ދާއިރާއެއް އޮވެއެވެ. އެއީ، ހުޅުމާލެ ދާއިރާ، ހެންވޭރު އުތުރު ދާއިރާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، ގަލޮޅު މެދު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، ގަލޮޅު ހުޅަނގު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު މެދު ދާއިރާ، މާފަންނު އުތުރު ދާއިރާ، މާފަންނު ހުޅަނގު އުތުރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، މާފަންނު ދެކުނު ދާއިރާ އަދި، ވިލިމާލޭ ދާއިރާއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާތައް ބަހާފައިވާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން މާލޭގެ ހަތަރު އަވަށުގެ އިންތަކަށް ނުބަލައި، މާލޭގެ 18 އިންތިހާބީ ދާއިރާ ކަނޑައަޅާފައިވުމުން ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔަމުން ދެއެވެ.

އިންތިހާބީ ދާއިރާތައް ބަހާވަފައިވާ ގޮތާމެދު އާންމުންގެ ހިތްހަމަނުޖެހުން އޮތްކަމުގެ ވާހަކަ ފެށުނީ ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކުރެއްވި ޓްވީޓަކާއެކުގައެވެ.

ފަރަހަނާޒް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރަކަށް ވޯޓު ދެއްވާނީ ދިވެހި ސަގާފީ ގޮތުން އޮންނަ އަވަށްތައް ސަގާފީގޮތުން ހިމާޔަތްކުރައްވަން މަސައްކަތްކުރައްވާ ބޭފުޅަކަށް ކަމަށެވެ. ސަފީރު ފަރަހަނާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުން އޭނާއަކީ ދެ އަވަށަކަށް ނިސްބަތްވާ މީހެއް ކަމަށާއި، އެހެން އެގޮތަށް ނުވާނެ ކަމަށެވެ.

ތާރީހީ އިލްމުވެރިޔާ އަހްމަދު އަލާ ދީދީ ޓްވިޓާގައި ފަރަހަނާޒްގެ ވާހަކައަށް ތާއީދުކުރެއްވިއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ ލީލާ އަހުމަދުވެސް ވަނީ ފަރަހަނާޒްގެ ޓްވީޓަށް ތާއީދުކުރައްވައި އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން ނުރުހުން ފާޅުކޮށްފައެވެ. ލީލާ ފާހަގަކުރެއްވި ގޮތުގައި އޭނާވެސް ވަނީ މައްޗަންގޮޅިން ގަލޮޅަށް ބަދަލުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބީ ދާއިރާތައް ބަހާލާފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން އީސީން ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާ ބެހޭގޮތުން ހިޔާލު ހުށަހަޅަން ހުޅުވާލީ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ.