26 Jan 2020, 11:17
ރާއްޖޭގައި ހައްޖު އުމްރާގެ ދަތުރުތައް ކޮށްދޭ ގިނަ ޖަމާއަތްތަކެއް މިހާރު އެބަހުއްޓެވެ. ނަމަވެސް އޭގެތެރެއިން ގިނަ ދިވެހީންނަށް އެނގޭ އެންމެ މަގުބޫލު އެއް ނަމަކީ "އަސްކޮއި" އަށް ވާނެ އެވެ. ނަމަވެސް ކުރީން އެންމެނަށް އެނގޭ އަސްކޮއި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަށް ބަދަލުތަކެއް އައިސް އަސްކޮއި ނަމުގައި ތަފާތު ޖަމާއަތްތަކެއް ހިނގަމުން އެބަދެ އެވެ. އެއާއެކު އާންމުންގެ މެދުގައި ވަނީ "ހަގީގީ" އަސްކޮއިއަކީ ކޮބައިކަން އޮޅުން އަރާފަ އެވެ. ވީއިރު އަސްލު އަސްކޮއި ޖަމާއަތަކީ އަކީ ކޮބާ ހެއްޔެވެ؟
އަސްކޮއި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެންމެ ފުރަތަމަ ކުންފުންޏެއް އުފައްދާފައިވަނީ 2012 ވަނަ އަހަރު އެވެ. ހައްޖު އަދި އުމްރާގެ ދަތުރުތަކަށް ރައްޔިތުންނަށް ފަހިގޮތްތަކެއް ހޯދައިދިނުމަށް އެ ކުންފުނި އުފައްދާފައިވަނީ މއ. ފައިން ޝޭޑް، އަބްދުﷲ ރަޝީދެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނި ވުޖޫދަށް އައި ގޮތް އަބްދުﷲ ރަޝީދު ވަނީ ކިޔައިދެއްވާފަ އެވެ.
"އަސްކޮއި އުފާ ކިޔާ ގެއެއްގައި، އަޅުގަނޑުގެ ބައްޕަގެ ގެ އެއަކީ. ބައްޕަމެންގެ އާއިލާގެ ބައްޕަގެ މުނިކާފައަށް ކިޔަނީ އަސްކޮއި، އެހެންވެ އަސްލު އަސްކޮއި އެ ނަން ކިޔުނީ،" ރަޝީދު ކިޔައިދެއްވި އެވެ.

އަސްކޮއި ޓްރެވެލް ސާވިސެސްގެ ދަށުން ބަޔަކު ހައްޖުކުރުމަށް ގޮސް --- ފޮޓޯ : އަސްކޮއި
އުމްރާ ޖަމާއަތެއް ހަދަން ފުރަތަމަ ހިޔާލު ލިބުނީ މައްކާގައި ހުރި އިރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެއަށްފަހު މާލެއާއި އަތޮޅުތެރޭގައި އަސްކޮއި ޖަމާއަތް ތައާރަފުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްކޮއި ޖަމާއަތް ހިންގާ ގިނަ ދަތުރުތަކެއް ކުރިއިރު އޭނާގެ މަސައްކަތްތަކުގައި އެ ކުންފުނީގައި ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ރަޝީދުގެ އަންހެނުންވެސް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި ވަނީ ދެބަސްވުންތަކެއް ހިނގާފަ އެވެ. އަސްކޮއި ޖަމާއަތާ ގުޅޭ އޮޅުންތައް އަރަން ފަށާފައިވަނީ އެހާ ހިސާބުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ދެން މިދިޔަ އަހަރު ވަނީ އަސްކޮއި ނަން ހިމެނޭ އިތުރު ދެ ޖަމާއަތެއް އުފެދިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ވަނީ އަސްކޮއި ޓްރެވެލް ސާވިސެސްގެ ނަމުގައި ޖަމާއަތެއް އުފައްދާފަ އެވެ. އެ ޖަމާއަތަކީ އަބްދުﷲ ރަޝީދު އިސްކޮށް ހުންނަވައި އޭނާގެ ދަރީންނާއެކު އުފެއްދި ޖަމާއަތެވެ.
"އަސްކޮއި ކުރީގެ ކުންފުނިން ދެމުން އައި ހިދުމަތްތައް ޓްރެވެލް ސާވިސެސް އިން އަޅުގަނޑުމެން ދިނުމަށް ޖަމާއަތެއް އުފެއްދީ. މި ޖަމާއަތުގައި އިސްކޮށް އުޅޭނީ އަޅުގަނޑުގެ ދަރީން،" އޭނާ ވިދާޅުވި އެވެ. އެގޮތުން ޓްރެވެލް ސާވިސެސްގައި މެނޭޖިން ޑިރެކްޓަރަކަށް ހުންނަނީ ފާތިމަތު އަކްރީމާ އެވެ. އަދި ޑިރެކްޓަރުންނަށް ތިބޭނީ އަހުމަދު އާމިރާއި ހައްވާ އުލްފާ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އަނެއްކާ ވަނީ "އަސްކޮއި ހައްޖު އުމްރާ ޓުއާސް"ގެ ނަމުގައި އަބްދުﷲ ރަޝީދުގެ އަންހެނުން ޖަމާއަތެއް ހަދާފަ އެވެ. އުލްފާ ވިދާޅުވިގޮތުގައި އެ ޖަމާއަތަކީ އެއްވެސް ހާލަތެއްގައި އަސްކޮއި އާ ގުޅުމެއް އޮތް ޖަމާއަތެއް ނޫނެވެ.
"އަސްކޮއި ހައްޖު އުމްރާ ޓުއާސް އަކީ އަސްކޮއިގެ އަސްލު އުފެއްދުންތެރިންނާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން،" ރަޝީދު ވިދާޅުވި އެވެ.
އަސްކޮއި ޓްރެެވެލް ސާވިސް ވުޖޫދަށް އައި ފަހުން މިހާރު ތައްޔާރު ވަމުން ދަނީ ހަތަރު ވަނަ ދަތުރަށެވެ. ނަމަވެސް އަސްކޮއި ހައްޖު އުމްރާއިން އަދި މިހާތަނަށް ދަތުރެއް ކޮށްފައި ނުވާ ކަމަށް އާއިލާއިން ފާހަގަކުރެ އެވެ.
ރަޝީދުގެ ގާތުން ހައްޖު އަދި އުމްރާ ދަތުރުކުރާ ފަރާތްތަކުން ބުނާގޮތުގައި އެހެން ހައްޖު އުމްރާ ޖަމާއަތްތަކަށްވުރެ އަސްކޮއި މާ ބޮޑަށްވެސް ރަނގަޅެވެ.
އެގޮތުން އަސްކޮއިގައި ދަތުރުކުރި އާބިދާ އަބްދުﷲ ބުނިގޮތުގައި އަސްކޮއިގެ ހިދުމަތްތައް ވަރަށް ވެސް ރަނގަޅެވެ. އަދި އާންމުންނަށް ވަރަށް ބޮޑަށް އަޅާލައި ކަމަށް އޭނާ ފާހަގަކުރި އެވެ. އާބިދާ ބުނިގޮތުގައި އަސްކޮއިގައި ދަތުރު ދާއިރު އަސްކޮއިގެ ފަރާތްތަކުން އާންމުންގެ ހާލު ބަލައި އަބަދުވެސް އެމީހުންނަށް ފަސޭހަވާނެ ގޮތްތައް ހަމަޖައްސައިދެ އެވެ.