24 Jan 2020, 14:32
މައުސޫމު ޅަދަރީންނަށް ޖިންސީ ގޯނާއާއި ޖިސްމާނީ އަނިޔާތައްދޭ އިރު އެކަމާއި މެދު އެ ކުދިން ސުވާލުކުރާނެ ވަގުތު ކުޑަތަންވަމުން އަންނަ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ މިފަހުން ރާއްޖޭގައި އާންމެވެފައިވާ "ވަބާ"އެއް ކަމަށްވާ ކުޑަކުދިންނަށް ކުރާ ޖިންސީ އަދި ޖިސްމާނީ އަނިޔާއާ ދެކޮޅަށެވެ.
ކުޑަކުދީންނަށް އަޅައިލުމަށާއި އެކުދީންނަށް ހެޔޮ ނަމޫނާ ދެއްކުމަށް މައިންބަފައިންނާއި ބެލެނިވެރީންނާއި ބަލަދުވެރިންނާއި މަހްރަމުންނަށް އިސްލާމްދީން ވަރަށް މަތީ ދަރަޖައަކަށް ބާރު އަޅާކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
އިންސާނީ މުޖުތަމައުތަކުން މިއަދު ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކާއި ހިނގާ ހާދިސާތަކުން އިންސާނިއްޔަތުގެ ޝުއޫރެއް ހިނގާ ކޮންމެ މީހަކު ފިތްކަނޑައިގެންދާވަރު ވާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން ތުއްތު ކުދިންނާ މެދު ހިންގާ ޖަރީމާތަކުން ހިތްތަކަށް ބިރުވެރިކަން ވެރިވާއިރު މައިންބަފައިންނާއި އަމިއްލަ ދަރިން ވަކިކުރަން ނޭންގެ އިންސާނުން އިންސާނީ މުޖުތަމައުތަކުގައި އުޅޭކަން ވަނީ ފާހަގަކޮށްފައެވެ.
"މައުސޫމު ޅަދަރީން ބެލެހެއްޓުމާއި އަޅާލުމުގެ ޒިންމާ އުފުލުމާ މަތިވެގެންވާ ފަރާތްތަކުން އެ ޅަދަރީންނަށް ޖިންސީ ގޯނާއާއި ޖިސްމާނީ އަނިޔާތައްދޭ ހިނދު، އަހަރަމެންނަށް ތިޔަ ފަދަ އަނިޔާތަކާއި ގޯނާތައް ތިޔަކުރަނީ، އަހަރުމެން ކޮން ކުށެއްކޮށްގެންތޯ އެ މައުސޫމު ދަރީން ސުވާލުކުރާނެ ވަގުތު ކުޑަތަންވަމުން އެބަ އާދެއެވެ،" މިއަދުގެ ހުތުބާގައި ވެއެވެ.
އެ ސުވާލުތަކަށް އެ އަނިޔާވެރިން ދޭނީ ކޮން ޖަވާބެއްތޯއާ މެދު މިއަދުގެ ހުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި ދިރި ތިއްބާ ޅަ ދަރީން ވަޅުކޮންނަމުންދާ ބައްޕަގެ ގަޔަށް އެޅޭ ހިރަފުސްތައް ފުހެދިނުމުގައި އެ ތުއްތު ދަރިފުޅު އިންދާ، ދިރިހުއްޓާ ވަޅުލައި އެ ދަރީން މަރައިލި ބަފައިންނާ ސުވާލުކުރެވޭނެ ފަދައިން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
އިންސާނިއްޔަތަކީ އަޅާލުމާއި ކަމޭހިތުމާއި އޯގާތެރިކަމަށް ކިޔޭ ދެވަނަ ނަންކަން ފާހަގަކޮށް މިއަދުގެ ހުތުބާގައި ވަނީ، އިންސާނުންނާއި ހައިވާނުންނާ ދެމެދުގައިވާ ތަފާތުތަކުގެ ތެރޭގައި އިންސާނުންގެ ތެރޭގައި އިންސާފާއި ގާނޫނީ ހަމަތަކާއި ސަގާވީ ރިވެތި އާދަތައް ހުރުން ހިމެނެ އެވެ. އެހެން ނޫން ނަމަ ހައިވާނުންނާއި އިންސާނުންނާއި އެއްވެސް ތަފާތެއް ނެތްކަމަށް ވެސް ހުތުބާގައި ފާހަގަކުރިއެވެ.