ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެފައި ނުވާ، ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތަކުގެ މައުލޫމާތު ހިއްސާކުރަން ކައުންސިލުތަކަށް އަންގައިފިއެވެ.

ޖެންޑާ މިނިސްޓްރީން ރޭގައި ބުނެފައިވަނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދީންނާއި އާއިލާތަކުގެ މައުލޫމާތު ހިއްސާކުރުމަށް 200 ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހިއްސާކުރަން އަންގާފައިވާނެ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ދާދި ފަހުން ފެންމަތިވާން ފަށާފައެވެ.

އެ މައްސަލަތައް ފެންމަތިވާން ފަށާފައިވަނީ ދެ އަހަރުގެ ކުޑަކުއްޖަކަށް އެކުއްޖާގެ އާއިލާގެ ފަރާތުން ޖިންސީ ގޯނާ ކުރަމުންދިޔަ މައްސަލައެއް ފެންމަތިވި ހިސާބުންނެވެ. އެ ކުޑަކުއްޖައަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ މައްޗަށް ކުރެވެއެވެ.

ގއ. ކަނޑުހުޅުދޫގައި އެފަދަ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ރަށުގެ ފަރާތްތަކަށް އެކަންތައް ކުރީންވެސް އެނގިފައިވާކަމުގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.