02 Dec 2011, 14:34
ށ. އަތޮޅުގެ އާއި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުދާ ފުލުހުންނާ ހަވާލުކުރަން ހޯމް މިނިސްޓަރީން އެންގި އެންގުމަށް ށ. އަތޮޅު ކައުންސިލުން ދެކޮޅު ހެދުމުން ފުލުހުންގެ ފައުޖަކާއެކު ށ. ފުނަދޫގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ މެންބަރުނާއެކު މަޝްވަރާތައް މިއަދު ފަށައިފި އެވެ.
ށ. ފުނަދޫގައި ހުންނަ ޕޮލިސް ސްޓޭޝަންގެ އެންގުމަށް މިއަދު 2:30ގައި އަތޮޅު ކައުންސިލާއި ފުނަދޫ ރަށު ކައުންސިލުން ބަންދަލު ކުރުމަށް އަންގާފައިވެ އެވެ. ށ. އަތޮޅު ކައުންސިލާއި ފުނަދޫ ރަށު ކައުންސިލާ ފުލުހުން މިއަދު ބައްދަލު ކުރުމަށް އަންގާފައިވާއިރު، 25 މީހުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ފައުޖެއް މިއަދު މެންދުރު ވަނީ ގޮސްފަ އެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ މިއަދު ވިދާޅުވީ ޝިލްޑުތަކަކާއެކު ތިބި ފުލުހުން އެރަށަށް އައީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ. އަދި އެކަން ކައުންސިލަށް އަންގާފައި ވެސް ނުވާ ކަމަށެވެ. ނަމަވެސް މިއަދު މެންދުރުފަހު 2:30ގައި ފުލުހުންނާ ބައްދަލު ކުރުމަށް ފުނަދޫ ޕޮލިސް ސްޓޭޝަނުން އަންގާފައިވާ ކަމަށް ފަތުހީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނޭގޭ އެބޭފުޅުން މިރަށަށް އައީ ކީއްވެގެން ކަމެއް. އެކަމަކު މިއަދު ހުކުރުން ފޭބިތަނުން ފުނަދޫ ޕޮލިސް ސްޓޭޝަނުން އަޅުގަނޑަށް ގުޅައި ށ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ވަނީ އަންގާފަ،" ޑީއާރްޕީގެ ކައުންސިލަރު އަދި ށ. އަތޮޅު ކައުންސިލްގެ ރައީސް ފަތުހީ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން މިއަދު ވިދާޅުވީ ފުލުހުންގެ ފައުޖެއް އެރަށަށް ދިޔައީ ޓްރޭނިންއަކަށް ވެދާނެ ކަމަށެވެ. ށ. އަތޮޅާއި ހދ. ސަރަހައްދުގައި ފުލުހުންގެ ޓްރޭނިންއެއް ހިންގަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ށ. އަތޮޅު ކައުންސިލް މައްސަލާގައި ފުލުހުން އަތޮޅު ކައުންސިލާ މަޝްވަރާ ކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ލޯކަން ކައުންސިލް އިންތިހާބަށް ފަހު ޑީއާރްޕީއަށް ށ. އަތޮޅުގެ ކައުންސިލް ގޮނޑިތައް ލިބުމާއެކު މެޖޯރިޓީ އަތޮޅުގެ ވެރިކަން ވަނީ ށ. މިލަންދޫއިން ފުނަދުއަށް ބަދަލުކޮށްފަ އެވެ. އެ މައްސަލާގައި ހޯމް މިނިސްޓްރީ އާއި ށ. އަތޮޅު ކައުންސިލާދެދު އުފެދު ހިޔާލު ތަފާތުވުންތަކުގައި ފުލުހުންގެ ފައުޖެއް ފުނަދުއަށް އަރައި އަތޮޅު ކައުންސިލް ފުލުހުންގެ ބެލުމުގެ ދަށް ގެންދަން މަސައްކަތްކޮށްފައިވެ އެވެ. އަދި ރައްޔިތުންނާ އާމުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގާފައިވެ އެވެ.