24 Jan 2020, 13:06
ރަށެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ޖެންޑާ މިނިސްޓްރީން މިއަދު ކުރަމުންދާ މަސައްކަތަށް އެ ރަށުގެ ބަޔަކު ހުރަސް އަޅަމުންދާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއްގައި ކަމުގައި ނުވާތީ، އެކުދިން ރައްކާތެރި މާހައުލަކަށް ނެގުމަށް މިއަދު މަސައްކަތްކުރަމުންދާ ކަމަށެވެ.
ނަމަވެސް އެ މަސައްކަތަށް އެ ރަށުގެ ބަޔަކު ހުރަސް އަޅަމުންދާ ކަމަށް ޖެންޑާއިން ބުންޏެވެ.
ޖެންޑާއިން މި މައުލޫމާތު ޓްވީޓުކުރުމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ، އެ މަސައްކަތަށް ހުރަސް އަޅާ މީހުން ތަންފީޒީ އިދާރާތަކުގެ އެހީގައި ހައްޔަރުކުރުމަށްފަހު ކުދިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލަމުންނެވެ.
އަދި ފުލުހުން ޓެގްކޮށް، ޖެންޑާ މިނިސްޓްރީގެ މަސައްކަތަށް އެހީތެރިކަން ދިނުމަށް ދަނީ ގޮވާލަމުންނެވެ.
ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިބްރާހިމް މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގައި ފުލުހުންވެސް ބައިވެރިވަމުން އަންނަ ކަމަށެވެ.
ޖިންސީ ގޯނާއާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ އަބުރު ރައްކާތެރިކުރުމުގެ ގޮތުން އެ ފަރާތްތަކުގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.