އިއްޔެ ހިމަބިއްސަށް ޕޮޒިޓިވްވި ދެ މީހުންގެ ތެރޭގައި ޣާޒީ ސްކޫލުގެ ދަރިވަރެއް ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އިއްޔެ ހިމަބިއްސަށް ޓެސްޓުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފަ އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އޭގެތެރެއިން އެކަކީ ހުޅުމާލޭ ޣާޒީ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށެވެ. އަދި އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ކުދިންގެ ތެރޭގައި ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކުރާ 33 ކުއްޖަކު ތިބިކަމަށް ބަޔާނުގައިވެ އެވެ.

އެޗްޕީއޭއިން ބުނީ ބަލިޖެހިފައިވާ ފަރާތެއް ފެނުމުން މިހާރުވެސް އެ ސަރަހައްދެއްގައި އަމަލުކުރަމުން އަންނަ ގޮތަށް މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި އަނެއްކާވެސް ހިމަބިހި ފެތުރެމުން އަންނާތީ އެޗްޕީއޭއިން ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.