ޝީޝީގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އޮތް އެކައުންޓަކުން 18 މިލިއަން ރުފިޔާ ވަގު ޑޮކިއުމަންޓް ބޭނުންކޮށްގެން ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަކަށް ޓްރާންސްފާކޮށް އަދި ގިނަ އަދަދެއްގެ ފައިސާ ބޭނުން ކުރުމަށް ފަހު އެ މީހުން ރާއްޖެ އިން ބޭރަށް ފިލި ކަމަށް ބުނާ މައްސަލައެއްގައި އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ރޭ ރާއްޖެ އައިތަނުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު، ށ. ޅައިމަގު ގޯލްޑްސްޓާ، މުހައްމަދު މުސްތަފާ އާއި އެ ރަށު ޖަމްސަރީރުގެ މުހައްމަދު މުސްތައުމިދު ހައްޔަރު ކުރީ ސްރީލަންކާ މަގުން ރޭ އައި މެލޭޝިޔަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައިތަނުން ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ އެ މައްސަލައިގެ ކީ ސަސްޕެކްޓް، ބ. ތުޅާދޫ، މާފަރިވާގެ އިބްރާހީމް ޝާހިދު އަދި ހައްޔުރު ކުރެވިފައި ނުވާ ކަމަށާއި އޭނާ ވީތަނެއް ވެސް ނޭނގޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ފުރަތަމަ ހައްޔަރުކުރި ޝާހިދު، ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ، އޭނާ ފުރަތަމަ ހައްޔަރު ކުރީ ކޯޓު އަމުރަކާ ނުލައި ކަމަށް ވާތީ ހައްޔަރުކުރިތާ 24 ގަޑިއިރު ތެރޭގައި އޭނާ ވަނީ ދުކޮށްލައިފަ އެވެ. ނަމަވެސް ފަހުން ކޯޓު އަމުރަކާ އެކު އޭނާ ހައްޔަރުކުރަން ދިޔަ އިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ.

މީގެ އިތުރުން 18 މިލިއަން ރުފިޔާ ޓްރާންސްފާ ކުރި ބީއެމްއެލްގެ އެކައުންޓުން 14 މިލިއަން ރުފިޔާ ނަގައި ހަރަދު ކޮށްފައިވާ ކަމަށް ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޝީޝާގެ ހުސައިން ހުޝާމް ވިދާޅުވީ ފައިސާތައް ޓްރާންސްފާކޮށްފައި ވަނީ އާއްމު ދެ މީހެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި ސޭވިން އެކައުންޓަކަށް ކަމަށެވެ. މި ދިޔަ މަހު 9 ވަނަ ދުވަހު 8.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ އިރު އަނެއް 9.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައި ވަނީ މި ދިޔަ މަހު 20 ވަނަ ދުވަހު ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ. އެ ދެ ފަހަރު ވެސް ފައިސާ ޓްރާންސްފާކޮށްފައި ވަނީ އަހުމަދު ހަސަން މަނިކުގެ ނަން ޖަހައި ހުސައިން ހުޝާމުގެ ވަގު ސޮއިކޮށް، އެސްބީއައި އަށް ފެކްސްއެއް ފޮނުވައިގެން ކަމަށް ކަމަށް ހުސައިން ވިދާޅުވި އެވެ.


"މިކަން ކޮށްފައި ވަނީ ބޭންކަށް ފެކްސްއެއް ފޮނުވާލައިގެން. އެއަށް ބޭސްކޮށްފައި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެކައުންޓަކަށް ލާރި ޓްރާންސްފާކޮށްފައި ވަނީ. އެ ލިޔުމަކީ އަޅުގަނޑުމެން ފޮނުވި ލިޔުމެއް ނޫން. އެ ލިޔުމުގެ ސައްހަކަން ޗެކްކޮށްފައެއް ވެސް ނޫން އެކަން ކޮށްފައި ވަނީ،" މިދިޔަ ބުރާސްފަތި ދުވަހު ހުސެއިން ވިދާޅުވި އެވެ.

އަށާރަ މިލިއަން ރުފިޔާ ގެއްލުނު މައްސަލައިގައި ހުސެއިން ހުޝާމް ވިދާޅުވީ ފައިސާ ގެއްލުނު ކަން އެނގިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭންކަށް ސްޓޭޓްމަންޓެއް ނަގަން ފޮނުވީމަ ކަމަށެވެ. އަދި އެކަންތައް ފަޅާއެރުމުން ބޭންކާ ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް އެކަމުގެ ޒިންމާ ނަގާނެ ކަމަށް ބޭންކުން ބުނެފައިނުވާ ކަމަށެވެ. އަދި އެކަމުގައި ބޭންކުން ޒިންމާވާން ޖެހޭތީވެ އެސްބީއައިއާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.