23 Jan 2020, 22:05
ދަ ހޭގް (23 ޖަނަވަރީ 2020) : މިއަންމާގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުން ހިމާޔަތް ކުރުމަށް އިންސާފާބެހޭ ބައިނަލްއަގްޥާމީ ކޯޓު ނުވަތަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިޔަންމާ ސަރުކާރަށް އަމުރުކޮށްފި އެވެ.
މިއަންމާގެ ސިފައިންނާއި އެގައުމުގެ ހަރުކަށި ވިސްނުމުގެ ބުޑިސްޓް ހާމުދުރުން ގުޅިގެން ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ބެހޭ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ފަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ފުރަތަމަ އަމުރުގައި މިޔަންމާ ސަރުކަރުން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުޢާހަދާ އެއްކަމަށްވާ "ކޮންވެންޝަން އަގައިންސްޓް ޖެނޮސައިޑް"ގެ ދަށުން ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުން ހިމާޔަތް ކުރުމަކީ މިޔަންމާ ސަރުކާރަށް ލާޒިމްކުރާ ކަމެއްކަމަށް ބުނެފައިވެ އެވެ.
"ކޮންވެންޝަން އަގައިންސްޓް ޖެނޮސައިޑް" އަކީ ގަތުލުއާންމުތައް ހުއްޓުވުމަށާއި ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލާ ބައިނަލްއަގްވާމީ މުއާހަދާ އެކެވެ. ރޮހިންގްޔާއިންގެ މައްސަލަ އައިސީޖޭ އިން ބަލައިގަތުމަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި މުއާހަދާގައި މިޔަންމާއިން ސޮއިކޮށްފައިވުން ހިމެނޭ ކަމަށް ގާނޫނީ ތަޖްރިބާކާރުން ދެކެ އެވެ.
ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގި ޖަރީމާތަކުގެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅު އައިސީޖޭ އަށް ހުށަހެޅީ އެފްރިކާގެ އިސްލާމީ ގައުމެއްކަމަށްވާ ގެމްބިއާ އިންނެވެ. ގެމްބިޔާއިން އެކަން ކުރީ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާގެ އޯއައިސީގެ އެހީތެރިކަމާއެކުގަ އެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން އައިސީޖޭ އިން ބާއްވަފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ހަފްތާގަ އެވެ. އެ އަޑުއެހުމުގައި މިޔަންމާގެ ދިފާއުގައި ވާހަކަ ދައްކަވާފައި ވަނީ އެގައުމުގެ އެންމެ އިސްވެރިޔާ އަދި ސްޓޭޓް ކައުންސިލާ އަންގް ސަން ސޫކީ އެވެ.
އެ އަޑުއެހުމުގައި ސޫކީ ވަނީ އެޖަރީމާތައް ހިންގި ކަމަށް އިންކާރު ކުރައްވައި އެކަމާ ބެހޭ ތަހްގީގްތަކަކީ ފުރިހަމަނުވާ ތަހްގީގްތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި ސޫކީ ވަނީ ރޮހިންގްޔާއިންގެ ނަސްލު ނައްތާލުމުގެ އަމަލެއް މިޔަންމާގެ އެއްވެސް ފަރާތަކުން ނުހިންގާ ކަމަށް ވިދާޅުވެ މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުންގެ މައްޗަށް ކުރަމުން ގެންދަނީ އަސާސެއްނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. މިއީ މިމައްސަލާގައި ސޫކީ ފާޅުގައި ހެއްދެވި ދޮގެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވާ އިރު މިއަންމާގެ ސިފައިންނާއި އެގައުމުގެ ހަރުކަށި ވިސްނުމުގެ ބުޑިސްޓް ހާމުދުރުން ގުޅިގެން ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގިކަން އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނުން ކުރި ތަހްގީގްތަކުން ވަނީ ސާބިތުވެފަ އެވެ.
އދ.ގެ ހައިކޮމިޝަނުން ކުރި ތަހްގީގްތަކުގައި މިއަންމާގެ ސިފައިންނާއި ހަރުކަށި ފިކުރުގެ ބުޑިސްޓުން ގުޅިގެން ރޮހިންގްޔާ އަންހެނުން ރޭޕްކޮށް، ފިރިހެނުން މަރައި ރޮހިންޔާ ދަރިކޮޅުގެ މީހުންގެ މުދަލާއި ގެދޮރުގައި ހުޅުޖަހައި އަދި ބިރުދައްކައިގެން ގައުމުން ބޭރުވުމަށް މަޖްބޫރުކުރިކަން ވެސް ވަނީ ސާބިތުވެފަ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ އޮގަސްޓު މަހު މިޔަންމާ ސިފައިން ރޮހިންގްޔާ ދަރކޮޅުގެ އާންމުންނާ ދެކޮޅަށް ފެށި ލާއިންސާނީ އަމަލުތަކުގައި ރޮހިންގްޔާ އިން ދިރިއުޅޭ ރަކީން ސްޓޭޓްގެ ގިނަ އަވަށްތައް އެއްކޮށް އަންދާލައި، ރޮހިންގްޔާއިންގެ ފިރިހެނުން މަރައި އަންހެނުންނާއި ކުޑަކުދިން ރޭޕްކުރިކަމަށް އދ.ގެ ތަހްގީގްތަކުން ހާމަވެފައިވާ އިރު މިމައްސަލަ އައިސީޖޭ އިން ހިންގާ ޝަރީއަތަށް ސާބިތު ވެއްޖެ ނަމަ އެކަމުގައި ޝާމިލްވާ މިޔަންމާގެ މަސްއޫލުވެރިންނާއި އެގައުމުގެ ހަރުކަށި ހާމުދުރުންގެ މައްޗަށް މަރުގެ ހުކުމް އައުމުގެ އިތުރުން ރޮހިންގްޔައިންގެ އާއިލާތަކަށް ބޮޑު ބަދަލެއް ދޭންޖެހުމުގެ ހުކުމެއް އައުން އެކަށީގެންވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިޔަންމާ ސިފައިންގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގާތްގަނޑަކަށް އަށް ލައްކައެއްހާ ރޮހިންގްޔާ މުސްލިމުން މިޔަންމާ ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ވަނީ ޖަމާވެފަ އެވެ. އެމީހުން އަދި ވެސް ދިރިއުޅެމުން ގެންދަނީ އެސަރަހައްދުގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކުގައި ވަރަށް ދަތި ހާލުގަ އެވެ. (ނޫސްއެޖެންސީތައް)