ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ބަލައި ނިންމޭނެގޮތަކަށް ޝަރީއަތްތައް ގަވާއިދުން ކުރިއަށް ގެންދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުރިހާ ކޯޓުތަކަށް އަންގައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަވަސްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ 20 ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުންްނާއި އަދި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީންނާ އެކު ބައްދަލުކޮށް، އެމައްސަލަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އެ މަޝްވަރާތަކުގައި "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން މައްސަލަތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް މައްސަލަ މެނޭޖުކޮށް، މައްސަލަތައް އަވަސް ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، އަވަސްކަމާ އެކު ހުކުމް ކުރެވޭނެ ގޮތަށް ކޯޓުތަކުން އިންތިޒާމު ހަމަޖެއްސުމަށް ވަނީ އެއްބަސްވެފައެވެ.

އެ މަޝްވަރާތަކަށްފަހު ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ މައްސަލަތައް ހިންގުން އަވަސްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، އެގޮތަށް ކަންކަން ކުރިއަށް ގެންދަން މިއަދު ޑީޖޭއޭއިން ވަނީ ކޯޓުތަކަށް އަންގައިފައެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރު ސޮއިކުރައްވައި ހުރިހާ ކޯޓުތަކާއި އިދާރާތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލައެއް ކޯޓަށް ހުށަހެޅުމާއެކު 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަކަށް އިސްކަން ދީގެން ކޯޓަށް ހުށަހެޅިފައިވާ އެހެން މައްސަލަތައް މެނޭޖުކޮށް، އަވަސްކަމާއެކު އެ މައްސަލަ ނިންމޭނެގޮތަކަށް ހަމަޖައްސަންޖެހޭ އިދާރީ އެންމެހައި އިންތިޒާމްތައް، އެ މައްސަލަ ބަލަން ހަވާލުކުރެވޭ ފަނޑިޔާރުގެ މަޝްވަރާއާއެކު އެ ކޯޓެއްގެ ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު ހަމަޖައްސަން ވާނެ ކަމަށެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އަވަސްކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މައްސަލަ ރައްދުވާ ފަރާތާއި މައްސަލައިގައި ދައުވާކުރާ ފަރާތަށް، ކަނޑައެޅިފައިވާ އިޖުރާއަތުގެ ތެރެއިން ގާނޫނު ލާޒިމުކުރާ މުއްދަތުތައް ލިބިދީ، މައްސަލަ މެނޭޖްކޮށް، ޝަރީއަތުގެ މަރުހަލާގައި ފެށުނީއްސުރެ ނިމެންދެން ދެ ޝަރީއަތުގެ ދެމެދުގައި 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަނުވާނޭހެން މައްސަލަ ތާވަލުކުރަން ވަނީ އަންގައިފައެވެ.

އަދި މައްސަލައިގެ ތާވަލް، މައްސަލައިގެ ޚަސްމުންނާ ހިއްސާކޮށް، އެ މައްސަލަ ހުށަހެޅުނު ތާރީހުން ފެށިގެން ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށްޓަކައި މައްސަލައިގެ ޝަރީއަތް ގަވާއިދުން ކުރިއަށް ގެންދަން ކޯޓުތަކަށް ވަނީ އަންގައިފައެވެ.

ހަމައެއާއެކު މައްސަލައިގެ ކޮންމެ އަޑުއެހުމެއްގައި ކުރިއަށްދާނީ ކޮން ކަމެއްކަން ޚަސްމުންނަށް އެނގޭނެހެން އެކަމުގެ މައުލޫމާތު ކުރިއާލާ ޚަސްމުންނާ ހިއްސާކުރަން ޖެހެއެވެ.

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ފާއިތުވި މަހުގެ ތަފާސްހިސާބުގެ މައުލޫމާތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޑީޖޭއޭ އަށް ފޮނުވަން ވެސް ކޯޓުތަކަށް ވަނީ އަންގައިފައެވެ.

ތަފާސް ހިސާބުތައް ފޮނުވާއިރު، އެ މައްސަލައެއް ހުށަހެޅުނު ތާރީހާއި، މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތާއި، މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބާއި، އަދި މައްސަލަ ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކެއް ހުރިނަމަ އެކަމުގެ މައުލޫމާތު ވެސް ހިމަނަން ވާނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ޑިޖޭއޭއިން ބުނީ މިފަދަ އިންތިޒާމުތަކެއްގެ މަގުސަދަކީ، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާމެދު އަވަސްކަމާ ހަލުވިކަމާއެކު ނިހާއީ ހުކުމެއް ކުރެވިގެން ދިއުމާއެކު، މުޅި މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތްކޮށް، އަނިޔާ ލިބުނު ފަރާތާއި މައްސަލައިގައި ހިމެނޭ ހެކިވެރިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުން ކަމަށެވެ.

އަދި އަވަސްކަމާއެކު މައްސަލައަށް ހައްލެން ލިބިދިނުމުގެ އިތުރުން، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން ކަމަށެވެ.

އެހެންކަމުން ކަމާގުޅުންހުރި އިދާރާތަކާއި، ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ބައިވެރިވުމާއި ޝާމިލުވުން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވައި، މިފަދަ މައްސަލަތައް ހަލުވިކަމާއެކު ނިހާއީ ހުކުމެއް ލިބިގެންދާނެ ގޮތަށް ކޯޓުތަކުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ކޯޓުތަކަށް ވަނީ އަންގައިފައެވެ.

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވުމުން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއިން ވަނީ، ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލަ ހައްލު ކުރަން ޖުޑިޝަރީގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް، މައްސަލަތައް އަވަސް ކުރަން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ޖުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ނިންމަން ކޯޓުތަކަށް ވަކި މުހުލަތެއް ދޭނެ ގޮތެއް ހޯދައި، އެކަން ކުރަން ޖެހެނީ ގާނޫނަކުން ނަމަ އެ ގާނޫނަކަށް އިސްލާހު ގެންނަން ކަމާ ބެހޭ ފަރާތްތަކަށް އަންގަން ނިންމައިފައެވެ.