އިރުވައިގެ މޫސުމާ އެކު ރަށް ގިރުމުގެ ސަބަބުން ނ. ފޮއްދޫގައި އަރައި ފޭބުމަށް ބޭނުންކުރާ ފާލަން، ރަށާ ވަކިވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފޮއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޝާމީ މިއަދު ވިދާޅުވީ ކޮންމެ އަހަރުގެ އިރުވައި މޫސުމާ ގުޅިގެން އެ ރަށުގެ ފަސްގަނޑު ރަށުގެ އެހެން ފަރާތަކަށް ބަދަލުވާ ކަމަށެވެ. އެގޮތުން އިރުވައި މޫސުމުގަައި ފަސްގަނޑު އެރަށުގެ ހުޅަނގަށް ބަދަލުވާ ކަމަށް ޝާމީ ވިދާޅުވި އެވެ.

"މި ދުވަސްކޮޅަކީ ދެން މޫސުން ވަރަށް ބޮޑަށް ގޯސް ދުވަސްކޮޅެއް. އެހެންވެ ޖެޓީ ސަރަހައްދުގައި އެއްވެފައި ހުރި ފަސްގަނޑު އެހެން ސަރަހައްދަކަށް ވަނީ ޖަމާވެފައި،" އޭނާ ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ޖެޓީ ވަނީ ރަށުން ބޭރުވެފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މޫސުން ބަދަލުވެ ފޮއްދޫގެ ވެލިގަނޑު ވަރަށް ބޮޑަށް ދަމައިގަނެފައި --- ފޮޓޯ : ކިޔުންތެރިޔެއް

ޝާމީ ވިދާޅުވީ ރޭގައި އެކަނި ވެސް 10 ވަރަކަށް ފޫޓު ދުރުމިން ހުރި ވަރަށް ފަސް ގަނޑު ކަހާލާފައިވާ ކަމަށެވެ.

ޖެޓީ މިހާރު ހުރީ ރަށަށް އަރައި ފޭބޭ ވަރަށް ވުރެ ދުރުގައި ކަމަށާއި ލަފާ ފޭބުމަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ޝާމީ ވިދާޅުވި އެވެ.

ޝާމީ ވިދާޅުވީ މިހާރު ރަށަށް އަރަން ޖެހެނީ ޑިންގީއެއް ބޭނުންކޮށްގެން ކަމަށެވެ. އެހެންކަމުން ވަރަށް ބޮޑެތު އުނދަގޫތައް ކުރިމަތިވާ ކަމަށް ޝާމީ ފާޙަގަކުރެއްވި އެވެ.

އެ ރަށަކީ ލޯކަލް ޓުއަރިޒަމް އަށް މަގުބޫލު ރަށަކަށް ވެފައި ކޮންމެ ދުވަހަކު ވެސް ފަތުރުވެރިން ޒިޔާރާތްކުރާ ރަށެއް ކަމަށް ޝާމީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖެޓީ ރަށުން ބޭރުވެފައި ހުރުމުގެ ސަބަބުން ފަތުރުވެރިންނަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

މޫސުން ބަދަލުވުމުގެ ސަބަބުން ރަށުގެ ވެލިގަނޑު ކަހާލައި ރަށުގެ ބައެއް ގިރާލާފައި --- ފޮޓޯ : ކިޔުންތެރިޔެއް

ޝާމީ ވިދާޅުވި ގޮތުގައި އެ މައްސަލައަށް ވަނީ ވަރަށް އަވަހަށް ހައްލެއް ބޭނުންވެފައި ކަމަށެވެ.

ޝާމީ ވިދާޅުވީ ކޮންމެ އަހަރަކުވެސް ފަސްގަނޑު އެގޮތަށް ބަދަލުވާ ކަމަށެވެ. އެހެންނަމަވެސް މީގެކުރީން އެހާ ބޮޑަށް ރަށް ގިރާފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްްވި އެވެ.

ފޮއްދޫގައި ބޭނުންކުރާ ޖެޓީގެ މަސައްކަތް ނިންމާާލާފައި ވަނީ 2018 ގަ އެވެ.