02 Dec 2011, 13:30
ދަވްޙާ (ޑިސެމްބަރ 2) : ޢަރަބި ޤައުމުތަކުގެ އެންމެ ބޮޑު ސޔާސީ ބާރަކީ އިސްލާމީ ޚިޔާލުގެ މީހުން ކަމަށްވަމުންދާ ކަމަށާއި ޢަރަބި ދުނިޔޭގެ ވެރިކަން އިސްލާމީ ޚިޔާލުގެ ޕާޓީތަކުގެ އަތްމައްޗަށް އަރަމުންދާ ކަމަށް ވިދާޅުވެ މިޙަޤީޤަތް ޤަބޫލުކުރުމަށް ޤަތަރުގެ ބޮޑުވަޒީރުގެ އައްޝައިޚް ޙަމަދް ބިންޖާސިމް އެމެރިކާއަށާއި ޔޫރަޕަށް ގޮވާލައްވައިފިއެވެ.
ލަންޑަންގައި ނުކުންނަ "ފައިނޭންޝަލް ޓައިމްސް" ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައި އައްޝައިޚް ޙަމަދް ވިދާޅުވީ ދާދިފަހުން ރައްޔިތުންގެ އިންޤިލާބުތައްއައި ޢަރަބި ޤައުމުތަކާއި އެނޫން ބައެއް ޢަރަބި ޤައުމުތަކުގެވެސް ވެރިކަން މިހާރު ލިބެމުންދަނީ މެދުމިނުގެ ޚިޔާލުގެ އިސްލާމީ ޕާޓީތަކަށް ކަމަށާއި މިކަމުގެ ސަބަބުން ބޮންގޮއްވުމުގެ ޢަމަލުތައް ހިންގާ ޒާތުގެ ހަރުކަށި އައިޑިއޮލޮޖީތަކުގެ މީހުންނަށް ފުރްސަތު ގެއްލި އެމީހުންނާ ކުރިމަތިލާން ފަސޭހަވެގެންދާނެ ކަމުގައެވެ.
އައްޝައިޚް ޙަމަދް ވިދާޅުވީ އިސްލާމީ ޚިޔާލުގެ މީހުންނާއި އިސްލާމީ ޕާޓީތަކާމެދު ބިރުގަންނަން ނުޖެހޭ ކަމަށާއި އިސްލާމީ ޚިޔާލުގެ މީހުންނަކީ މަޝްވަރާގެ މަތިން ވެރިކަންކުރުމާއި އަޣްލަބިއްޔަތަށް ތަބާވުމުގެ އުސޫލުތަށް (ޑިމޮކްރަސީ) ބަލައިގަންނަ އަދި އެކަމަށް އިޙްތިރާމް ކުރާނެ މީހުން ކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ.
ދާދިފަހުން ރައްޔިތުންގެ އިންޤިލާބުތައްއައި ޢަރަބި ދެޤައުމު ކަމަށްވާ ތޫނިސްގެ ޢާންމު އިންތިޚާބުގައި ކުރިހޯދާފައިވަނީ އިސްލާމީ ޚިޔާލުގެ ނަހްޒާ ޕާޓީ ކަމަށްވާއިރު މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާއިންވެސް ކުރީގައި އުޅޭކަމަށް ފެންނަނީ އިޚްވާންއަލްމުސްލިމީންއެވެ. ގައްޒާފީއަށްފަހު އަލަށް އުފެދިފައިވާ ލީބިޔާގެ ސިޔާސީ މަސްރަޙުގައިވެސް އިސްލާމީ ޚިޔާލުގެ މީހުންގެ ބާރު ގަދަވެފައިވާއިރު ޢަރަބި އެހެން ޤައުމެއްކަމަށްވާ މަޣްރިބްގެ ޕާލަމެންޓްރީ އިންތިޚާބު މިދިޔަ ހަފްތާގައި ކާމިޔާބުކޮށްފައިވަނީވެސް އެޤައުމުގެ އިސްލާމީ ޚިޔާލުގެ ޕާޓީއެވެ.
ފަލަސްތީނުގައި މީގެ 5 އަހަރުކުރިން އިސްލާމީ ޚިޔާލުގެ ޙަމާސް ޖަމާއަތް ދިމުޤްރާތީ އުސޫލުން ވެރިކަމަށްއައި ނަމަވެސް ހުޅަނގަށް މިކަން ހަޖަމު ނުކުރެވިގެން ފަލަސްތީނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްއަޅައި ހަމާސްގެ ވެރިކަންވަނީ ވައްޓާލާފައެވެ. (ފައިނޭންޝަލް ޓައިމްސް+އަލްޖަޒީރާ)