14:30


ވޯލްޑްކަޕް ފެށިގެން މިހާރު އެއް ހަފްތާ އަށް ވުރެ ގިނަ ދުވަސް ފާއިތުވެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކަށް މިރޭ ޓީމުތައް ނިކުންނައިރު، މި މުބާރާތް ފާހަގަކުރެވިފައި ވަނީ އެހެން ވޯލްޑްކަޕްތަކާ އަޅާބަލާއިރު ނަން މަޝްހޫރު ބޮޑެތި ގިނަ ޓީމުތަކަށް އެންމެ އެދެވޭ ނަތީޖާތަކެއް ފެންނަމުންނުދާ މުބާރާތެއްގެ ގޮތުގަ އެވެ. މިގޮތުން ބަލާއިރު ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ އިތުރުން ޔޫރަޕްގެ އެހެނިހެން ބޮޑެތި ބާރުތަކުގެ ތެރެއިން ފްރާންސާއި އިޓަލީ އަދި އިންގްލެންޑް ވެސް މުބާރާތް ފަށައިފައި ވަނީ ދަށް ނަތީޖާތަކާއެކު އެވެ.


މި މުބާރާތުގައި މިއަދު ފެށޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތަކެވެ. މިއަދުން ފެށިގެން، ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމެންދެން ދުވާލަކު ހަތަރު މެޗު ކުޅެވޭނެ އެވެ. މިގޮތުން މިއަދު ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ މުބާރާތް ބާއްވާ ޤަވްމު ކަމުގައިވާ ސައުތު އެފްރިކާ އާއި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ފްރާންސް ބައްދަލުކުރާ މެޗެވެ. މާލޭ ގަޑިން މިރޭ 7 ޖަހާއިރު ފަށާ މި މެޗުން މޮޅުވުން ސައުތު އެފްރިކާ އަށް ވެސް އަދި ފްރާންސް އަށް ވެސް ވަރަށް މުހިއްމެވެ. ހަމަ އެ ގަޑީގައި މެކްސިކޯ އާއި އުރުގުއޭ ބައްދަލުކުރާ މެޗް ވެސް ކުރިއަށްދާނެ އެވެ.


މިރޭގެ މެޗަށް ފްރާންސް ނިކުންނައިރު ޓީމު ރޫޙް ވަނީ ގެއްލިފަ އެވެ. އެންމެ ފަހުން ބޭއްވި ދެ ޕްރެކްޓިސް ވެސް ކުޅުންތެރިން ވަނީ ބޯއިކޮޓްކޮށްފަ އެވެ. އެހެންކަމުން މި މެޗުގައި އެންމެ އެކަށީގެންވާ ކުޅުމެއް ފްރާންސްއަށް ދެއްކޭނެ ކަމާމެދު ސަޕޯޓަރުންނާއި މީޑީޔާގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ.


ދެފަހަރު ވޯލްޑަކްޕް ޗެމްޕިއަންކަން ހޯދައިފައިވާ އުރުގުއާއި އާއި މެކްސިކޯ ބައްދަލުކުރާ މެޗު އެއްވަރުވި ނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. މިމެޗުން މޮޅުވާން ދެޓީމަށް ވެސް ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ގްރޫޕްގެ ދެ ވަނައަށް ހިނގައްޖެނަމަ ދެވަނަ ބުރުގައި ނުކުންނަން ޖެހޭނީ އާޖެންޓީއާ ދެކޮޅަށް ކަމަށް ވާތީ އެވެ.


މިރޭގެ މެޗާ ސައުތު އެފްރިކާ ކުރިމަތިލާއިރު އަމިއްލަ ބާރެއް ނެތް ނަމަވެސް މެޗުގައި ގިނަ ލަނޑުތަކެއް ޖަހާ މޮޅުވެއްޖެ ނަމަ އުރުގުއޭ އާއި މެކްސިކޯ މެޗުގެ ނަތީޖާއަށް ބަލާ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އޮންނާނެ އެވެ.


މާލޭ ގަޑިން މިރޭ 11.30 ގައި އާޖެންޓީނާ އާއި ގްރީސް ބައްދަލުކުރާ މެޗުން ގްރީސް ބަލިވެއްޖެނަމަ އެ ޓީމް މުބާރާތާ އަލްވަދާއުކިޔާނެ އެވެ. އެ މެޗް ކުރިއަށްދާއިރު ނައިޖީރިޔާ އާއި ސައުތު ކޮރެޔާގެ މެޗް ވެސް ކުޅެމުންދާނެ އެވެ.


މުބާރާތުގެ ދެވަނަ ބުރު ކަށަވަރުވެފައިވުމަކީ މިރޭ އާޖެންޓީނާ މެޗަށް ނިކުންނައިރު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުންނެވެ. މެޗާ ކުރިމަތިލާއިރު ގިނަ ކުޅުންތެރިން ތަކަކަށް ރެސްޓްކުރުމުގެ ފުރުސަތު މިރޭ ކޯޗް ދޭނެ ކަމަށް ބެލެވެ އެވެ.


އިނގިރޭސިވިލާތުގެ ނިއުކާސަލްއަށް ކުޅޭ ޖޮނަސް ގޮތިއެރޭސް އަށް ސަސްޕެންޝަންގެ ސަބަބުން މި މެޗުގައި ނުކުޅެވޭކަމީ އެކަމާ ދޭތެރޭ އާޖެންޓީނާގެ ކޯޗް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ފާއިތުވި ދެމެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅުނު އެ ކުޅުންތެރިޔާއާ ނުލާ އާޖެންޓީނާ މިރޭގެ މެޗާ ކުރިމަތިލާއިރު ޑިފެންސްލައިންގެ އެންމެ މުހިއްމު ދައުރު އަދާކުރާ އަނެއް ކުޅުންތެރިޔާ ސެމިއުލްއަށް ނުކުޅެވުން ވެސް ވެގެން ދާނީ ޓީމު ހާސްކަމުގެ ތެރެއަށް ގެނުވާނެ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ދެކެ އެވެ.


މުބާރާތް މިހާ ހިސާބަށް އައި އިރު އާޖެންޓީނާ ފާހަގަކުރެވިފައި ވަނީ ވަކިވަކި ކުޅުންތެރިންނަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން މެޗުގައި ކުޅެމުންދާ ޓީމެއްގެ ގޮތުގަ އެވެ. އާޖެންޓީނާގެ ކޯޗް ޑިއެގޯ މަރަޑޯނާ އެންމެ ފަހުން ވޯލްޑްކަޕްގެ މެޗެއްގައި ގޯލެއް ޖަހާފައި ވަނީ ވެސް ގްރީސްއާ ދެކޮޅަށްކަން ފާހަގަކުރެވެ އެވެ. އެހެންކަމުން މިއަދު ވެސް މޮޅުވެ، އަދި މެރަޑޯނާ ރޯލް މޮޑެލެއްގެ ގޮތުގައި ދެކެމުން އަންނަ އެއް ކުޅުންތެރިޔާ އަދި ދުނިޔޭގެ އެއް ނަންބަރު ކުޅުންތެރިޔާ ލިއޮނެލް މެސީ އަށް މި ތާރީޚީ ދުވަހު ގޯލެއް ޖެހިއްޖެ ނަމަ އެއީ މެރަޑޯނާ އަށާއި އާޖެންޓީނާ އަށް ވެސް ހާއްސަ އުފަލަކަށް ވެގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.


ޖަރުމަންގެ އޮތޯ ރިހާޒަލް ކޯޗު ކަމުގެ ދަށުން ނިކުންނަ ގްރީސްއަށް މި މެޗުގައި އެންމެ ބޮޑަށް އުނދަގޫވެގެން ދާނީ އާޖެންޓީނާ ޓީމު ކުޅެމުންދާ މޮޅު ކުޅުން ހުއްޓުވާލުމުންނެވެ. 2004 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފަހުން މިހާތަނަށް އައިއިރުގައި ފުޓްބޯޅައިން އެކަށީގެންވާ ކާމިޔާބެއް ގްރީސްއަށް ލިބިފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި މިފަހަރުގެ ވޯލްޑްކަޕްގައި ގިނަ ބަޔަކު އުއްމީދުކުރީ ގްރީސް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ. ނަމަވެސް ގްރީސްގެ މޮޅު ކުޅުން އެންމެ ފަހު މެޗާ ހަމައަށް ދެއްކިފައި ނުވާއިރު އެ މުބާރާތް ކުޅުނު ގިނަ ކުޅުންތެރިން މިފަހަރުގެ ވޯލްޑްކަޕްގައި ކުޅޭކަން ވެސް ފާހަގަކުރެވެ އެވެ.