02 Dec 2011, 12:22
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ހަގީގަތުގައި 2012 ވަނަ އަހަރު ޑިއުޓީ ފްރީ އަހަރަކަށް ހަދައިދޭ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ 14 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ރައީސް ނަޝީދު މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ވިދާޅުވީ އެ ބަޖެޓަކީ ޑިއުޓީ ފްރީ ބަޖެޓެކޭ ދެންނެވުމުން އެއީ ބަޖެޓްގެ އަސްލުތަކާ ހިލާފަށް ދެންނެވޭ ވާހަކައެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ޑިއުޓީއަށް މިދިޔަ އަހަރު ވެސް 2.4 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް ލިބިފައިވާ ކަމަށާއި ނަމަވެސް މިއަހަރު ޑިއުޓީގެ އާމްދަނީ ދެ ބިލިއަނަށް ވުރެ ކުޑަ ކަމަށެވެ. އަދި ޑިއުޓީ ބައެއް ބާވަތްތަކުން ކަނޑާލުމުން 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރައްޔިތުންނަށް ސަރުކާރުން ދޫކޮށްލެވިއްޖެ ކަމަށެވެ.
ޑިއުޓީ ނުނަގާ ބާވަތްތަކުގެ އަގު ނުވަ ޕަސެންޓާއި 13 ޕަސެންޓާ ދެމެދުގެ އަދަދަކުން ތަކެތީގެ އަގު ހެޔޮވެދާނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ޑިއުޓީ ނެގުން ހުއްޓާލީމާ އަދި ޑިއުޓީ ނުނަގާ ބާވަތްތަކުގެ ވިޔަފާރިއަށް ވެގެންދާނެ ގޮތްތައް އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިދަނީ ވަރަށް ސާފުކޮށް އެނގި އޮޅުން ފިލަމުން. ޑިއުޓީ ނުނެގުނީމާ 9 ޕަސެންޓާއި 13 ޕަސެންޓާ ދެމެދުގެ ޢަދަދަކުން ތަކެތީގެ އަގު ހެޔޮވެދާނެ ކަމަށް، ކަމާބެހޭ މާހިރުންގެ ހިސާބުތައް މިހާރު އެބަ ދައްކާ... ޑިއުޓީ ކުޑަވެގެން ދިޔުމާއި، ޑިއުޓީ ނެގުން ހުއްޓާލުމާ، މިކަންކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އިޤްތިޞާދީ ކުރިއެރުން ވެސް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ޑެފިސިޓް ފޫބެއްދުމަށްޓަކައި ކޮމާޝަލް ބޭންކްތަކުން އާންމު ބޭންކްތަކަށް ސަރުކާރުގެ ޓްރެޒަރީ ބިލް ވިއްކައިގެން ފައިސާ ހޯދާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ކުޑަކުރެވިފައި ކަމަށެވެ. މިއަހަރު 1.67 ބިލިއަން ރުފިޔާ ޓްރެޒަރީ ބިލްގެ ގޮތުގައި ބޭންކްތަކުން ދައުލަތުގެ ޑެފިޒިޓް ހަމަޖެއްސުމަށް ސަރުކާރަށް ހޯދާފައިވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރު ބޭންކްތަކުން ޓްރެޒަރީ ބިލްގެ ގޮތުގައި ބޭންކްތަކުން ނެގުމަށް ހަމަޖެހިފައި މިވަނީ މުޅި ޖުމްލަ 163 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދައުލަތުގެ އާމްދަނީ އިތުރުވެގެންދިޔުމާ އެކީގައި، މިއަހަރު 2012 ވަނަ އަހަރު ޓްރެޜަރީ ބިލް ވިއްކައިގެން ބޭންކްތަކުން ނެގުމަށް ހަމަޖެހިފައި ވަނީ މުޅި ޖުމްލަ 163 މިލިއަން ރުފިޔާ. އެއީ މިދެންނެވި 727 މިލިއަން ރުފިޔާ ނެގި ކަމުގައިވިޔަސް ވެސް އަނބުރާ އެބަ ދައްކާ 1.26 ބިލިއަން ރުފިޔާ ބޭންކްތަކަށް، ޓްރެޒަރީ ބިލްގެ ގޮތުގައި ސަރުކާރުން ނަގާފައި ހުރި ފައިސާއިން. އެހެންވީމާ، މުޅި ޖުމްލަ އެކުއެކަށް ބެލީމާ މިއަހަރު މިފެންނަ މަންޒަރަކީ، 163 މިލިއަން ރުފިޔާ އެއީ ސަރުކާރުގެ ޑެފިސިޓް ފޫބެއްދުމަށްޓަކައި ޓްރެޒަރީ ބިލް ވިއްކައިގެން ސަރުކާރުން ބަޖެޓަށް ހޯދުމަށް ކަނޑައެޅިފައި މިއޮތް ޖުމްލަ ޢަދަދަކީ،"
މިފަހަރުގެ ބަޖެޓްގައި މަސްވެރިކަމުގެ ދާއިރާއިން ވަރަށް ރަނގަޅު ކުރިއެރުމެއް ލިބެމުން އަންނަކަން ފާހަގަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ 2012 ވަނަ އަހަރު 4.8 ޕަސެންޓުން މަސްވެރިކަމުގެ ސިނާޢަތް، ރާއްޖޭގެ ހިއްސާވާ މިންވަރު އިތުރުވެގެންދާ ކަމަށެވެ.
"މަސްވެރިކަމުގެ ޙާލަތު، 2008 ވަނަ އަހަރު ނުވަތަ 2007 ވަނަ އަހަރާ ހިސާބު އަޅުގަނޑުމެން ބެލި ކަމުގައިވިޔަސް ވެސް، ޤައުމީ އުފެއްދުންތެރިކަމުގައި މަސްވެރިކަމުގެ ޞިނާޢަތުން ޙިއްޞާކުރާ މިންވަރު ދަށަށްދަމުން ދަށަށްދަމުން އައީ ކޮންމެ އަހަރަކު ވެސް. 2007 ވަނަ އަހަރު 22 ޕަސެންޓުން ދަށަށްދިޔަ. 2008 ވަނަ އަހަރު 7.3 ޕަސެންޓުން ދަށަށްދިޔަ. 2009 ވަނަ އަހަރު 12.3 ޕަސެންޓުން ދަށަށްދިޔަ. 2010 ވަނަ އަހަރު 19.2 ޕަސެންޓުން ދަށަށްދިޔަ. 2011 ވަނަ އަހަރު 8 ޕަސެންޓުން ދަށަށްދިޔަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަތީ ތަޢްލީމަށް ވަރަށް ބޮޑުތަން ބަޖެޓްގައި އިތުރުވެފައިވާ ކަމަށާއި އޭގެ ބޭނުމަކީ، ރާއްޖޭގެ ޒުވާނުންނަށް ކޮންމެހެން ވަޒީފާއަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.
ރައީސްގެ ރޭޑިއޯ ހިތާބު ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ގޮވާލެއްވީ ވީހާވެސް އަވަހަކަށް ބަޖެޓާ ގުޅޭ ބިނާކުރަނިވި ރަނގަޅު ބަހުސެއް ކުރައްވައި ބަޖެޓްގެ ކަންތައްތައް ވީހާވެސް އޮމާންކަމާ އެކުގައި އަވަހަށް ނިންމަވައި ދެއްވުމަށެވެ.