02 Dec 2011, 09:55
ނިއުދިއްލީން: މުޙައްމަދު ޝާން
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އަފްގާނިސްތާންގެ ޤައުމީ ފުޓްބޯޅަ ޓީމް (ފޮޓޯގައި) މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ދިއްލީއަށް އައުމަށް ހަމަޖެހިއްޖެ އެވެ.
މުބާރަތުގައި ވާދަކުރާ އަށް ޤައުމުގެ ތެރެއިން އެންމެ ފަހުން ދިއްލީއަށް އަންނަ ޓީމަކީ ވެސް އަފްގާނިސްތާނެވެ.
މިފަހަރުގެ މުބާރާތުގައި އަފްޤާނިސްތާންގެ ޓީމް ހިމެނެނީ ޤްރޫޕް އޭ ފަޅީގައެވެ. މިގްރޫޕްގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބައްވާ އިންޑިޔާ، ބޫޓާން އަދި ސްރީލަންކާ އެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި އަފްޤާނިސްތާން ނުކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ. އެގޮތުން މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މާދަމާ ހަވީރު 17:30 ގައެވެ.
މާދަމާ އިންޑިޔާއާ ދެކޮޅަށް އަފްޤާނިސްތާން ނިކުންނައިރު، އިންޑިޔާއަކީ މިމުބާރަތުގެ ތަށި އެންމެ ގިނައިން ހޯދާފައިވާ އެއް ޤައުމެވެ. އެގޮތުން އިންޑިޔާ ވަނީ މުބާރާތުގެ ތަށި ޖުމްލަ ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ. އަދި އިންޑިޔާއިން ވަނީ މިއަހަރުގެ އޭޝިއަންކަޕްގައިވެސް ވާދަކޮށްފައެވެ.
ގްރޫޕް އޭ ފަޅިން މާދަމާ ބައްދަލުރާ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން 2:30 ގައި ބައްދަލުކުރާ ދެޓީމަކީ ބޫޓާނާއި ސްރީލަންކާ އެވެ.
އިންޑިޔާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެޤައުމް ވަނީ 1997 ވަނަ އަހަރާއި 1999 ވަނަ އަހަރުވެސް މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ. އަދި 2003 ވަނަ އަހަރު ސެމީފައިނަލަށް ދަތުރު ކުރިއިރު، 2005 ވަނަ އަހަރު އިންޑިޔާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އަދި 2008 ވަނަ އަހަރު ރަނަރަޕް ކަން ހޯދި އިރު، 2009 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރީވެސް އިންޑިޔާއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އަފްގާނިސްތާނަކަށް އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.