23 Jan 2020, 10:02
ގއ. ކަނޑުހުޅުދޫ ކައުންސިލު މެމްބަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑަސީ ބާތިލުކުރުމަށް ގޮވާލާ އަޑު ސޯޝަލް މީޑިއާގައި ގަދަވެއްޖެ އެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ކުޑަކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ އެވެ.
"ސަން"އިން އެ ރަށަށް ކުރި ދަތުރުގައި ރަށުގެ ރައްޔިތުންނާ ކުރި އިންޓަވިއުތަކުގެ ތެރެއިން، ކުއްޖާގެ ކާފަ ކަމުގައިވާ އެ ރަށު މިސްކިތުގެ މުދިމު އިބްރާހިމް ދީދީގެ ކޮއްކޮ މަދީހާ އަބްދުﷲވެސް ހިމެނެ އެވެ.
މަދީހާ "ސަން"އާ ވާހަކަދައްކަމުން ވަނީ ކުރަމުންދާ ތުހުމަތުތަކުން އޭނާގެ ބޭބެ ވަރަށް ބޮޑަށް ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ.
އެގޮތުން ކާފަ ކުޑަކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް ފެތުރީ ކުއްޖާގެ މަންމަ ފަރާތު އާއިލާއިން ކަމަށާއި އެ މައްސަލަ ހޫނުކުރީ އެ އާއިލާ އާއި މީޑިއާއިން ކަމަށް މަދީހާ ބުނެފައިވެ އެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެ އާއިލާއިން މައުލޫމާތު ފެތުރި މީހަކަށް ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ ތިން ފިރިހެނުން ވެގެން ކުޑަކުއްޖާ ރޭޕްކުރި ނަމަ އެކުއްޖާ އެހާ "ހެޕީކޮށް" ދުވެ ނޫޅޭނެ ކަމަށެވެ.
"އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ،" މަދީހާ ބުންޏެވެ. "އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ،"
މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާކަމުގެ ރެކޯޑު މީގެ ކުރިންވެސް އޮތް، އެ ކުއްޖާގެ މުނިކާފަވެސް ދިފާއުކޮށް މަދީހާ ވާހަކަދެއްކި އެވެ.
މަދީހާގެ މި އިންޓަވިއު "ސަން"އިން ޝާއިއުކުރި ފަހުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެމްޑީޕީ ޓެގުކޮށް، ޕްރައިމަރީގައި ވާދަކުރުމަށް އޭނާއަށް ދީފައިވާ ކެންޑިޑަސީ ބާތިލުކުރުމަށް ގޮވާލަމުންނެވެ.
"އެމްޑީޕީގެ ޕްރައިމަރީގައި މީނާ ވާދަކުރަން ފުރުސަތު ދީފިނަމަ އަހަރެންވެސް ހިމެނޭގޮތަށް ގިނަ ބައެއްގެ އިތުބާރާއި އިހުލާސްތެރިކަން ގެއްލިގެން ދާނެ،" ޓްވިޓާގައި މީހަކު ކޮމެންޓުކުރި އެވެ.
ޓްވިޓާގައި އިތުރު މީހަކު ބުނީ ޕްރައިމަރީގައި ވާދަކުރަން މަދީހާއަށް ފުރުސަތު ދީފިނަމަ އެމްޑީޕީ ޕްރައިމަރީ ބޯއިކޮޓުކުރަން ގޮވާލަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްޑީޕީއިން މިއަދު ބުނީ، ޖިންސީ ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައި އަދި އަމަލު ކުރާ ޕާޓީގެ މެންބަރުން ދެނެގަތުމަށް މިއަދު މެންދުރު 12:00 ގައި އެ ޕާޓީގެ ފިޔަވައަޅު އަޅާ ކޮމިޓީއިން އެމްޑީޕީ އޮފީހުގައި ބައްދަލުވާނެ ކަމަށެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމަކީ މި ޕާޓީގެ އެންމެ މައި އެއް ވިސްނުމެވެ،" އެމްޑީޕީ ބުންޏެވެ.