ޗައިނާގައި ފެތުރި ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ކޮރޯނާ ވައިރަސްއަށް އިއްޔެ ޓެސްޓް ކުރަން ފެށި ފަހުން އަދި މިހާތަނަށް ރާއްޖެ އައި އެއްވެސް މީހަކު އެ ވައިރަސްއަށް ޝައްކު ކުރެވިފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްސް އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ، އިއްޔެއިން ފެށިގެން އެއާޕޯޓުގައި ސްކްރީނިންގް ފެށުމާއިއެކު ތާމަލް ކެމެރާއިން ހުން ހުންނަ ކަމަށް ދައްކާ މީހުންނާ އިތުރަށް ސުވާލުކޮށް، ހިސްޓްރީ ނަގާ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތަށް އެސެސް ކުރެވުނު މީހުންގެ ތެރެއިން މިވަގުތު އަދި ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ފެނިފައެއް ނެތް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ޗައިނާއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމަށް ވާ އިރު، ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ޓޫރިޒަމް މިނިސްޓްރީއާއި ކަމާ ބެހޭ އެހެން އޭޖެންސީތައް ގުޅިގެން މިހާރު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ އެއާޕޯޓްތަކުގައި އެ ވައިރަހަށް ސްކުރީން ކުރަން އިތުރު ތާމަލް ކެމެރާތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ބުންޏެވެ. ޗައިނާގެ އާ އަހަރާ ދިމާކޮށް އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެ އެވެ.

ޗައިނާގެ ވޫހާންއިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެންނަން ފެށި މި ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ދަނީ ފެތުރެމުންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މި ވައިރަސް ޖެހިފައިވާ 500 އަށް ވުރެ ގިނަ މީހުން ޗައިނާއާއި އެހެނިހެން ގައުމުތަކުން ފެނިފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އޭގެ ތެރެއިން، 17 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

ޗައިނާގެ ވޫހާންއިން ފެނުނު މި ވައިރަސް ޗައިނާގެ އިތުރުން ފަސް ގައުމަކުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ތައިލެންޑް، ޖަޕާން، ސައުތު ކޮރެއާ، އެމެރިކާ އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. މި ގައުމުތަކުން ބަލި ޖެހިފައިހުރި ކަމަށް ފާހަގަވި މީހުންނަކީ ވޫހާންއަށް ދަތުރުކޮށްފައި ނުވަތަ ވޫހާންއިން އެ ގައުމުތަކަށް އެތެރެވި މީހުންނެވެ.

އެ ބަލި ފެތުރުނު ވުހާން ސިޓީ ކަރަންޓީނުކޮށް، އެ ސިޓީއިން މީހުން ބޭރުވުމާއި އެ ސިޓީއަށް އައުމުން ވަނީ އެ ގައުމުގެ ސަރުކާރުން މިހާރު މަނާކޮށްފަ އެވެ. އަދި އާންމު ދަތުރުފަތުރުގެ ނިޒާމުތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.