23 Jan 2020, 09:38
ނިއުދިއްލީ (23 ޖަނަވަރީ 2020) : ޗައިނާއިން ފެނިފައިވާ ކޮރޯނާ ވައިރަސްގެ އާ ރޯގާ، ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އިންޑިއާގެ އެއާޕޯޓްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ހުރިހާ ގައުމަކުންވެސް އިންޑިއާއަށް އެތެރެވާ ފަސެންޖަރުން ގެ ހަށިގަނޑުގައި ހުން ހުރިތޯ ބެލުމަށްޓަކައި އިންޑީއާގެ އެއާޕޯޓްތަކުގައި ހާއްސަ ސްކްރީނެއް ކުރަން އެއާޕޯޓްތަކަށް އަންގާފައިވާނެ ކަމަށެވެ. މިކަމުގައި ވަކި ގައުމެއްގެ ފަސިންޖަރުން އިސްތިސްނާ ނުކުރާނެ ކަމަށާއި މިއީ އެންމެންގެ ސަލާމަތަށް އަޅާ ފިޔަވަޅެއްކަން އަންގާފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަސްގެ އައު ރޯގާ ޖެހިގެން މިހާތަނަށް 17 މީހުން މަރުވެފައިވާއިރު 571 މީހުންނަށް މި ރޯގާ ޖެހިފައިވެ އެވެ. ބައެއް މީހުން އެރޯގާއިން ސަލާމަތްވެފައިވެސްވެ އެވެ. ޗައިނާގައި މި ރޯގާ ޖެހުނު އެންމެންނަށްވެސް ޖެހިފައިވަނީ އެގައުމުގެ މެދުތެރޭގައިވާ ވުހާން ސަރަހައްދުގަ އެވެ.
ޗައިނާގެ ސިއްހަތާ ބެހޭ ވުޒާރާއިންވަނީ ވުހާންގައި ދިރިއުޅޭ މީހުން އެހެން ސަރަހައްދުތަކަށް ދަތުރު ނުކުރުމަށާއި އެހެން ސަރަހައްދުތަކުން އެސަރަހައްދަށް ދަތުރު ނުކުރުމަށް އަންގާފަ އެވެ. މީގެ އިތުރުން ވުހާންގައި އާންމު އެއްވުންތައް ނުބޭއްވުމަށް ވެސް ޗައިނާ ސަރުކާރުން އެސަރަހައްދުގެ އިދާރާތަކަށް ވަނީ އަންގައިފަ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު އަމުރު ތަންފީޒު ކުރުމަށް ބޭނުންވާ ސްކްރީން ކުރުމުގެ ހިދުމަތް މިހާރުވަނީ އެގައުމަށް ބޭރުން ފަސިންޖަރުން އަންނަ ބައިނަލްއަގްވާމީ ހުރިހާ އެއާޕޯޓްތަކެއްގައި ދޭން ފަށާފަ އެވެ. އިންޑިއާގެ އެންމެ ބިޒީ ބައިނަލްއަގްވާމީ އެއާޕޯޓްތަކުގެ ތެރޭގައި ޗެންނާއީ، ބެންގަލޫރު، ހައިދަރުއާބާދު، ކޮޗިން، ދިއްލީ، މުމްބާއީ ކެރެލާ އަދި ކަލްކަތާ ފަދަ ސްޓޭޓްތަކުގެ އެއާޕޯޓްތައް ހިމެނެ އެވެ.
އިންޑިއާއިންވަނީ ހުމުގެ އެއްވެސް އަލާމާތެއް ހުރި މީހަކު ފެނިއްޖެނަމަ އެކަން ރިޕޯޓް ކުރުމަށް އެގައުމުގެ ބައިނަލްއަގްވާމީ އެއާޕޯޓްތަކުގެ މުވައްޒަފުންނަށާއި އަދި އިންޑިއާގެ އެއާލައިންތަކުގެ ފްލައިޓްތަކުގެ އެއާހޮސްޓެސްސުންނަށް ވެސް އަންގާފަ އެވެ.
ޗައިނާއިން ފެނިފައިވާ ކޮރޯނާ ވައިރަސްއަކީ ގައިން ގަޔަށް އަރާ ބައްޔެއްކަން ވަނީ މިހާރު ކަށަވަރުވެފަ އެވެ. މި މައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ދުނިޔޭގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަމުން ގެންދިޔަ ނަމަވެސް މިއީ ސިއްހީ ކުއްލި ހާލަތެއްކަން ދުނިޔޭގެ ސިއްގަތު ޖަމްއިއްޔާއިން އަދި ކަނޑައަޅާފައެއް ނުވެ އެވެ. --(ނޫސްއެޖެންސީތައް)