23 Jan 2020, 08:59
ޗައިނާގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އުފެދުނު ސިޓީ ކަމަށްވާ ވޫހާން އަށް ވަދެ ނިކުމެ އުޅުން މަނާކޮށް ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
ވޫހާން އިން ފެތުރެން ފަށާފައިވާ އެ ވައިރަސް ވަނީ މިހާތަނަށް 571 މީހަކަށް ޖެހިފައެވެ. އަދި މިހާތަނަށް މަދުވެގެން 17 މީހަކުވެސް އެ ވައިރަސްގެ ސަބަބުން މަރުވެފައިވާ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެއެވެ.
ސެންޓްރަލް ސިޓީގެ ކޮމާންޑް ސެންޓަރުން ވަނީ ވޫހަންގެ 11 މިލިއަން ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެ ސިޓީ ދޫކޮށް ނުދިޔުމަށް އަންގާފައެވެ.
"އެއްވެސް ކަހަލަ ހާއްސަ ސަބަބެއް ނެތި ވޫހާންގެ އެއްވެސް ރައްޔިތެއް ސިޓީއިން ބޭރުވެގެން ނުވާނެ،" ކޮމާންޑް ސެންޓަރުން ބުނެއެވެ.
ޗައިނާގެ ސްޓޭޓް ނޫހެއް ކަމަށްވާ ޝިންހުއާ ނިއުސް އޭޖެންސީއަށް އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި ވޫހާން އިން މީހުން ބޭރަށް ނުކުތުން ބަންދުކޮށްފައިވަނީ އެ ވައިރަސް އެހެން ސަރަހައްދުތަކަށް ފެތުރުން ހުއްޓުވައި ސިޓީގެ ތެރޭގައި ކޮންޓްރޯލުކުރުމަށްޓަކައެވެ.
ވޫހާންގެ ގަޑީން މިއަދު 10:00 (ރާއްޖެ ގަޑީން 07:00) ޖެހިއިރުން ފެށިގެން އެ ސިޓީގެ އެއާޕޯޓާއި ސްޓޭޝަންތައް ވަނީ ބަންދުކޮށްފައެވެ. އޭގެތެރޭގައި ބަހާއި މެޓްރޯ އާއި ފެރީ އަދި ދުރު ހިސާބުތަކަށް ދަތުރުކުރާ އުޅަނދުތަކުގެ ހިދުމަތް މިއަދު ހެނދުނުން ފެށިގެން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.
ވޫހާން ބަންދުކުރުމަށް ނިންމާފައިވަނީ ޗައިނާގެ އާ އަހަރާ ދިމާކޮށް ގިނަ ބަޔަކު ޗައިނާއަށް ދާން ފަށާފައި ވަނިކޮށެވެ.
ޗައިނާގެ އިތުރުން މިހާރު އެމެރިކާއާއި ތައިލެންޑާއި ޖަޕާނާއި ދެކުނު ކޮރެއާ އަދި ޓައިވާނުންވެސް ވަނީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.