މާވެލް އަންހެން ސުޕަހީރޯގެ ފިލްމު "ކެޕްޓަން މާވެލް"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ޑިޒްނީގެ ބެލުމުގެ ދަށުގައި އޮތް މާވެލް އިން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރާނެ ފަރާތާއެކު އެއްބަސްވުމަކަށް އައުމަށް މަޝްވަރާކުރުމަށެވެ. އެގޮތުން މާވެލް އިން މަސައްްކަތް ކުރަމުން ދަނީ "ވެންޑާ ވިޝަން"ގެ ސްޓާފް ރައިޓަރު މޭގަން މެކްޑޯނަލްޑް އާއެކު އެއްބަސްވުމަކަށް އައުމަށް މަޝްވަރާކުރަމުންވެވެ.

މާވެލްގެ ދެވަނަ ފިލްމު ނެރޭނެ ތާރީހެއް އަދި އެ ފިލްމަށް ކިޔާނެ ނަމެއްވެސް މާވެލް އާއި ޑިޒްނީއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުގައި 2022 ވަނަ އަހަރުގައި އެ ފިލްމު ސިނަމާތަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކެޕްޓަން މާވެލްގެ ރޯލުން ފެނިގެން ގޮސްފައިވާ ބްރީ ލާސަން، ކެޕްޓަން މާވެލް ދެވަނަ ފިލްމުން ފެނިގެންދާނެ ކަމުގެ ޔަގީންކަން ވަނީ ޑިޒްނީއިން ދީފައެވެ.

މިދިޔަ އަހަރު ނެރުނު ކެޕްޓަން މާވެލް ވެގެން ގޮސްފައިވަނީ ޑިޒްނީއަށް ވަރަށް ކާމިޔާބު ފިލްމަކަށެވެ. އެގޮތުން އެ ފިލްމަށް ވަނީ 1.13 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

ބްރީ ލާސަންގެ އިތުރުން ކެޕްޓަން މާވެލްގެ ފުރަތަމަ ފިލްމުން ވަނީ ސެމިއުއެލް އެލް ޖެކްސަން އާއި ލީ ޕޭސް އާއި ޖެމާ ޗެންގެ އިތުރުން ކްލާކް ގްރެގް ވެސް ފެނިގެން ގޮސްފައެވެ.