23 Jan 2020, 08:33
ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދަކުން ސަރުކާރު ހިންގިޔަސް ކުޑަކުދިންގެ މައްސަލަތަކުގައި ވަރިހަމަކޮށްގެން ނުތިބޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ ކ. ގުރައިދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ބޭނުން ނަމަ އުމްރާނީ ތަރައްގީއަށް ބޭނުންވާ "އޭތި މީތި" ރާއްޖޭގެ ރަށްރަށަށް އަޅަމުން ގެންދެވިދާނެ ކަމަށެވެ. އެކަމަކު، ތުއްތު ކުދިންނަށް ސަލާމަތްތެރިކަމާއެކު އެ ކުދިންގެ އަމިއްލަ ގޭގައި ނޫޅެވެންޏާ، އެއީ އެމަނިކުފާނުވެސް، ރައީސް ސޯލިހުވެސް، އެމްޑީޕީވެސް ސަރުކާރު ހިންގަން ބޭނުންވާ ގޮތް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރިހަމައެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ، ތާ އަބަދު ވަރިހަމަކުރަމުން ގެންދެވިއްޖެ. 55 މައްސަލަ ޝަރީއަތުގައި ހުއްޓިފައި އެބަ އޮތް،" ނަޝީދު ވިދާޅުވި އެވެ.
މިހާރު އޮތް ހާލަތު ސިފަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ޖިންސީ ގޯނާ ލިބިފައި ވަނީ ކޮން ކުދިންތަކަކަށް ކަމެއް ވަކި ކުރަން ނޭނގޭ ކަމަށެވެ. އަދި އާއިލާތަކާއި ރައްޓެހިންނާއި އަވަށްޓެރިން ކަންކަން ސިއްރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މުޖުތަމައު ތަރައްގީވެފައިވާ މުޖުތަމައުއަކަށް ހެދޭނީ "ބޮޑު ހިލަ ބަނދަރަކުން" ނޫން ކަމަށެވެ.
"މި ދިވެހި ރާއްޖެ ބަދަލު ކުރަން ބޭނުމިއްޔާ އަޅުގަނޑުމެން އިންސާނުންނަށް އިހަށް ވާން ޖެހޭ. އަޅުގަނޑުމެންނަކީ ގަދަ ކީރިތިވަންތަ މާތް ރަސްކަލާންގެ އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތަށް އަދި އިންސާނީ އާންމު އުސޫލުގައިވާ ބައެއް ކަމަށް އަޅުގަނޑުމެން ވާން ޖެހޭ. އަޅުގަނޑުމެންގެ މުވައްސަސާތައް ތާއަބަދު ފާރަލާލާ ތިބެން ޖެހޭނީ އަޅުގަނޑުމެންގެ ޅަ ދަރިންގެ އާންމު ހާލަތު ރަނގަޅަށް ބައިތިއްބަން. އެކުދިންނަށް އުފާވެރި ޅަ ޒަމާނެއް، ޒުވާން ހަޔާތެއް އަޅުގަނޑުމެން ހޯދައިދޭން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ކައުންސިލަރުންނާއި، މަޖިލިސް މެމްބަރުންނާއި، ރައީސުލް ޖުމްހޫރިއްޔާއަކީވެސް އެކަން ކަށަވަރުކުރަން ރައްޔިތުން އިންތިހާބުކޮށްފައިވާ މީހުން ކަމަށެވެ. އަދި އެންމެ ވޯޓެއް ނުލިބުނަސް އެއީ ހަގީގީ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން، އަޅުގަނޑަށް ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް ހިނގާހާ ހިނދަކު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނޭވާ ހިނގާހާ ހިނދަކު މި ބާވަތުގެ ކަންކަމަކީ އަޅުގަނޑުމެންނަށް ވަރިހަމަކޮށްގެން ތިބެވޭނެ ކަންކަމެއް ނޫން. އިއްތިހާދަކަށް ވިޔަސް އެހެން އިއްތިހާދަކަށްވިޔަސް، މިއީކީއެއް އަޅުގަނޑުމެންނަށް ވަރިހަމަކޮށްގެން ތިބެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ހައްލުނުކުރައްވައި މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން ސަރުކާރުން ތިބޭފުޅުންނަށް މިކަންކޮށްނުދީ އިރާދަކުރެއްވިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއްވެސް އަވަހާރަފުޅެއް ނުލައްޕަވާނެ. އަދި އަޅުގަނޑުމެންވެސް ނިދާކަށް ނުދާނަން،" ނަޝީދު ވިދާޅުވި އެވެ.
މި ފަހުން ގއ. ކަނޑުހުޅުދޫގައި މުނިކާފައަކާއި ކާފައަކު އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވި ފަހުން ގިނަ އަދެއްގެ ރޭޕް މައްސަލައް ދަނީ ފެންމަތިވަމުންނެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތައް އެންމެންގެ ސަމާލުކަމަށް އައިސްފައިވާ އިރު، ކުޑަކުދިންނާ މެދު އިހުމާލުވާ ދައުލަތުގެ މުވައްޒަފުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.