02 Dec 2011, 09:35
ނިއުދިއްލީން: މުހައްމަދު ޝާން
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕް ގައި ވާދަކުރާ ދިވެހި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓް ކުރުމަށް އިންޑިޔާގައި ދިރިއުޅޭ ދިވެހި ސަޕޯޓަރުންނާއި ލަންކާގައި ތިބި ބައެއް ދިވެހިން ރޭ ދިއްލީއަށް ޖަމާވާން ފަށައިފިއެވެ.
މިގޮތުން ރޭ ހައިދަރުއާބަދުން ދިއްލީއަށް އައިސް އުޅުނު ދިވެހި ކުއްޖަކު ބުނީ، ދިއްލީއަށް އައީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ކަމަށެވެ. އަދި ހައިދަރުއާބާދުން ރޭ ދިއްލީއަށް ފަސް ދިވެއްސަކު އައީ 24 ގަޑީރުގެ ދަތުރެއްކޮށް މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ހައިދަރުއާބާދުގައި އިންޖިނޭރިން ކޯސް ހަދަމުން މިއަންނަނީ. ދިއްލީއަށް އައީ ރޭގެ ވަގުތެއްގައި. އަމިއްލައަށް ޓިކެޓް ނަގައިގެން މިއައީ . އެކަމަކު މީ އަހަރުމެންގެ ޓެސްޓު ދުވަސްވަރު. ޤައުމީ ޓީމަކީ އަހަރެމެންގެ ވެސް ޓީމް. ވަރަށް ބޭނުން މުބާރާތުގެ ތަށި އަހަރެމެންގެ ޤައުމު ކާމިޔާބު ކުރާތަން ބަލަން. މިފަހަރުވެސް މީ ހަމަ އަހަރުމެންގެ ފަހަރު" ޤައުމީ ޓީމަށް ސަޕޯޓް ކުރުމަށް ރޭ ހައިދަރުއާބާދުން ދިއްލީއަށް އައި އެ ކުއްޖާ ބުންޏެވެ.
މީގެއިތުރުން ރޭ ބެންގަލޫރުން ދިއްލީއަށް އައި ދިވެހި އަންހެން ކުއްޖަކު ބުނީ ދިއްލީއަށް އައީ ހަމައެކަނި އެންމެ ކަމެއް ކުރުމަށް ކަމަށާއި އެއީ މިއަދު ފަށާ ސާފްޗެމްޕިއަން ޝިޕްގައި ވާދަކުރާ ދިވެހިޓީމަށް ސަޕޯޓްކުރަން ކަމަށެވެ.
"އަހަންނާއެކު ޖުމްލަ ހަތް މީއަކު ރޭ ދިއްލީއަށްއައި. އަހަރުމެން މިތިބީ ވަރަށް ކެތްމަދުވެފަ. ދިވެހި ޓީމަށް ސަޕޯޓް ކުރުމަށްޓަކައި ދަނޑަށް ދިއުމަށް. އަހަރުމެން ދިއްލީއަށް އައީ ވެސް ފުރިހަމައަށް ތައްޔާރުވެގެން ޓީމަށް ހަމައެކަނި ސަޕޯޓް ކުރުމަށް. ބާޒާރު ކުރާކަށެއް ނޫން. ނުފެންނަ އެއްޗެއް ބަލާކަށެއް ނޫން. ދަނޑަށް ވަންނަން މިހާރު ޓިކެޓް ވެސް ނަގައިފިން." އަންހެންކުއްޖާ ބުންޏެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ރާއްޖެ ގަޑިން 17:30 ގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަދި ރާއްޖެ ކުޅޭ މެޗް ބެލުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ދިއްލީއަށް އަންނާނެ ކަމަށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ އެންބަސީއިން ވެސް އިއްޔެ ވަނީ ބުނެފައެވެ.
އެންބަސީގެ އިސް އޮފިސަލަކު އިއްޔެ ސަން އޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ދިއްލީގައި ކިޔަވަން އުޅޭ ގިނަ ދަރިވަރުން ނެހެރޫ ސްޓޭޑިއަމްއަށް ދާނެ ކަމަށާއި އަދި މައިސޫރުގައި ކިޔަވަން އުޅޭ ވަރަށް ގިނަ ދިވެހި ކުދިން ވެސް އަންނާނެ ކަމަށެވެ.
އަދި މީގެ އިތުރުން ޓްރެވެންޑްރަމްގައި ކިޔަވަމުން އަންނަ ދިވެހި ކުދިން ކޮޅެއް ވެސް މިއަދު ވަނީ ދިއްލީއަށް އައިސްފައެވެ. އަދި ރޭ ދަންވަރުގެ ވަގުތެއްގައި ލަންކާގައި އުޅޭ ދިވެހި ދެ ތިން ކުއްޖަކުވެސް ވަނީ ޓީމަށް ސަޕޯޓް ކުރުމަށް ދިއްލީއަށް އައިސްފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ރާއްޖެ ގަޑިން މެންދުރު 2:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެ ފަޅިން ވާދަކުރާ ބަންގްލަދޭޝް އާއި ޕާކިސްތާނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ހަ މުބާރާތުގައި ރާއްޖެ ކުޅެފައި ވާއިރު، މުބާރާތުގެ ތަށި ރާއްޖެއަށް ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކުއެވެ. އެއީ 2008 ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި މުބާރާތުގައެވެ.
މިއަދު ނޭޕާލާ ދެކޮޅަށް ދިވެހިރާއްޖެ ނިކުންނައިރު، ޤައުމީ ކޯޗް އިސްތަވާން އުރުބާނީއަށް ލިބިފައިވާ އެންމެ ބޮޑުހިތްހަމަޖެހުމަކީ އެއްފެންވަރެއްގެ ކުޅުންތެރިން ޤައުމީ ސްކޮޑުގައި އޮތުމެވެ.