22 Jan 2020, 20:19
ނ. އަތޮޅުގައި ހިންގާ ނޮކު މޯލްޑިވްސް ރިސޯޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުންޖަހާލައި އެ ލޯންޗުގައި ދަތުރު ކުރި ދިވެއްސަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:48 އެހާކަންހާއިރު ނޮކު މޯލްޑިވްސް ރިސޯޓުގެ ނެރު މައްޗަށް ލޯންޗެއް ބަންޑުންޖަހާލިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެ ލޯންޗުގައި އިން އެކަކު މަރުވެފައިވާ ކަން ޑޮކްޓަރުން ޔަގީންކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވީ ހާދިސާގައި ހާލު ދެރަވީ ނޮކް ރިސޯޓުގައި މަސައްކަތް ކުރާ އުުމުރުން 51 އަހަރުގެ ދިވެހި މުވައްޒަފެކެވެ. އޭނާ އަކީ ރިސޯޓުގެ ސަޕްލައިންގައި މަސައްކަތް ކުރާ މީހެކެވެ.
އޭނާ މަރުވީ ލޯންޗް ބަންޑުން ޖަހާލައިގެން ލޮނު ބޮވިގެންނެވެ. އޭނާ މަރުވީ ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
އެ ލޯންޗުން ދަތުރު ކުރަމުން ދިޔައީ ޖުމްލަ ހަތް މީހުން ކަމަށް ފުލުހުން ބުންޏެވެ. އެއީ ދެ ފަތުރުވެރިންނާއި ހަތަރު ފަޅުވެރިންނާއި، ރިސޯޓުގައި މަސައްކަތް ކުރާ މީހެކެވެ.
ލޯންޗު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބިގެން ރިސޯޓުގެ ޑިންގީއެއްގައި އެތަނަށް ގޮސް މީހުން އެއްގަމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.