ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ގއ. ކަނޑުހުޅުދޫގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރިވާން ފަށައިފި އެވެ.

އެ ރަށުން މިދިޔަ ހަފްތާގައި ދެއަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، ތިން ބަފައިން ހައްޔަރު ކުރިއެވެ. އެއާއެކު އަނިޔާ ލިބިފައިވާ އިތުރު އާއިލާތައްވެސް ހިމެނޭކަމަށް ވަނީ އެނގިފައެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ ތިން މީހުންގެ ޓީމެއް ހަރަކާތްތެރި ވަމުންދާކަމަށެވެ.

"މައިގަނޑު މަގްސަދަކީ، ރައްކާތެރި ނޫން އާއިލާތައް [ޖިންސީ ގޯނާ ލިބޭ ކަމަށް ބެލެވޭ ގެތައް] ބަލާ ހާލަތު ދެނެގަތުން އަދި ޖިންސީ މައްސަލަތަކުގައި މައުލޫމާތު އެނގޭ މީހުންގެ ފަރާތުން މައުލޫމާތު ހޯދުން،" މިޑީއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާންމު ގޮތެއްގައި އެފަދަ ދަތުރުތަކުގައި ފަސް ދުވަސް އެ ރަށެއްގައި ހޭދަ ކުރާނެ ކަމަށާއި ނަމަވެސް މިފަހަރު ފަސް ދުވަހަށްވުރެ ގިނަ ވާނެ ކަމަށެވެ.

ކަނޑުހުޅުދޫ އިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ޓީމުން ސަރުކާރުގެ އެކި ސެކްޓާތަކާ ބައްދަލުކޮށް ހޭލުންތެރިކަމުގެ ހަރަކާތްތަކެއްވެސް ރޭވިފައިވާ ކަމަށެވެ.

އާބަދީގައި 900 އެއްހާ މީހުންގެ އާބާދިއެއް އޮންނަ އެ ރަށުގައި ދިރިއުޅޭ މިހުންގެ އަދަދަކީ 500 އެއްހާ މީހުންނެވެ. "ސަން" އިން އެރަށަށް ކުރި ދަތުރުގައި އެރަށުގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ބޮޑެވެ. ގިނަ މީހުން ޝަކުވާ އަކީ އެ ފަދަ މައްސަލަތައް ރިޕޯޓު ކުރި ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެ މައްސަލަތައް ބަލާ ފިޔަވަޅު ނޭޅުމެެވެ. ގިނަ ފަހަރު އެފަދަ ވާހަކައެއް ދެއްކިޔަސް ގޯސް ވަނީ އެ ވާހަކައެއް ދައްކާ މީހާއެވެ.

ކަނޑުހުޅުދޫގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރިވަމުން ދާއިރު، އެ މިނިސްޓްރީއަށްވެސް ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.