ނިއުދިއްލީން: މުހައްމަދު ޝާން

މެޗް ކުޅެން އެއް ދުވަހަށް ވެފައި ވަނިކޮށް އިންޑިޔާގެ އެންމެ މުހިންމު ދެ ފޯވާޑުން ޤައުމީ ޓީމާ ރޭ ގުޅިއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމަ އަފްގާނިސްތާނާ ދެކޮޅަށް އިންޑިޔާ ނުކުންނައިރު، އިންޑިޔާ ޓީމުގެ މުހިންމު ދެ ފޯވާޑުން ކަމަށްވާ ސުނިލް ޗެތުރީ އާއި ޖޭޖޭ ލަލްފެކުލުއާ ޓީމާ ގުޅުނީ ސްކޮޓްލެންޑުގެ ގްލާސްގޯ ރޭންޖާސްގެ ޓްރަޔަލްއަކަށް ގޮސް ތިބުމަށްފަހު ރޭ ދަން ވަރުގެ ވަގުތެއްގައި ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޤައުމުތަކުން އިއްޔެ ދިއްލީގެ ޑަބަލް ޓްރީ ބައި ހިލްޓަން ހޮޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިޔާ ޤައުމީ ޓީމުގެ ކޯޗް ސާވިއޯ މެޑެއިރާ ބުނީ، މިފަހަރުގެ މުބާރާތަށް ޓީމް ތައްޔާރު ވެފައި އޮތީ ވަރަށް ފުރިހަމަ އަށް ކަމަށެވެ. އަދި ޓީމަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ސްކޮޓްލޭންޑަށް ދިޔަ ޓީމްގެ އެންމެ މުހިންމު ދެ ފޯވާޑުން ޓީމާ ގުޅި، މުބާރާތުގައި އެ ދެކުޅުންތެރިން ފެންނާތީ ލިބުނު ހިތް ހަމަޖެހުން ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިޔާއެވެ. އެގޮތުން މުބާރަތުގެ ތަށި ފަސް ފަހަރު އިންޑިޔާ ކާމިޔާބުކުރިއިރު، އެންމެ ފަހުގެ ސާފް ޗެމްޕިއަންސިޕް އިންޑިޔާއިން ކާމިޔާބު ކުރީ އެޤައުމުގެ 23 އަހަރުންދަށުގެ ޓީމް ނުކުމެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން އިންޑިޔާވަނީ މީގެ ހަ މަސް ކުރިން ފަރިތަކުރުންތަށް ފަށައިފައެވެ. އަދ އިންޑިޔާގެ ގިނަ ކުޅުންތެރިންނަކީ އެޤައުމުގެ ލީގް ކުޅޭ ކުޅުންތެރިންނަށް ވައިރު، މިފަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ނުކުޅެވެނީ އެއްވަނަ ކީޕަރު ޝުބުރަތާ ޕައުލްއަށް އެކަންޏެވެ. އަދި މިފަހަރުގެ މުބާރާތުގައި އިންޑިޔާގެ މަޝްހޫރު ބައިޗުން ބުޓިޔާވެސް ނުފެންނާނެއެވެ. އެއީ އޭނާ ރިޓަޔާ ކޮށްފައި ވާތީއެވެ.