ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސަށް ވެކްސިން ދިނުމުގެ ގޮތުން މާދަމާ 30،000 ވެކްސިން ގެނެވޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހިމަބިހި މިފަހުން ރާއްޖޭގައި ފެތުރެން ފެށިފަހުން މިހާތަނަށް ހަތަރު މީހަކަށް އެ ބަލިވަނީ ޖެހިފައެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ހިމަބިހި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެ ބައްޔަށް 79 މީހަކު ޓެސްޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ދުވަހު ކުރި ޓެސްޓްތަކުން އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިމަބިއްސަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެ މީހަކު ވަށައިގެން ދިރިއުޅޭ މީހުންނަށް ވެކްސިން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދެވިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހިމަބިއްސަށް ވެކްސިން ޖެހުމަށް ފަށާ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވަރަށް ގިނަ މައުލޫމާތުތަކެއް އެއްކުރެވިއްޖެ ކަމަށާއ ވެކްސިން ނުޖަހާ މީހުން މިހާރު ގާތްގަނޑަކަށް ދެނެގަނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސްކޫލްތަކާއި އެހެނިހެން މައުލޫމާތުތައް އެއްކޮށް ދަފުތަރުކުރުމުން ވެކްސިން ނުޖަހާ މީހުންގެ ސީދާ އަދަދެއް އެނގިގެން ދާނެކަމަށް އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން މިހާރު ދަނީ ޔުނިސެފާއި ޑަބްލިއުއެޗްއޯއާ ގުޅިގެން 200،000 ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

"އެ (ވެކްސިން) ގެނައުމަށް އަޅުގަނޑުމެންނަސް ލިބިފައި ހުރި މުއްދަތުގެ ތެރޭގައި ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން އިންޑިއާ ސަރުކާރާއެކީގައި ވާހަކަދައްކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މާދަމާ ރާއްޖެއަށް ގެނެވޭނެކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ 30،000 ޑޯޒް. އެއީ އިންޑިއާ ސަރުކާރުގެ އެހީގައި ގެނެވޭ ވެކްސިން ޑޯޒް" އަމީން ވިދާޅުވިއެވެ.