02 Dec 2011, 06:29
ނިއުދިއްލީން: މުހައްމަދު ޝާން
ފާއިތުވި ހަ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދިފައި ނެތް ކަމުގައި ވިޔަސް، މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނާނީ ގަދަ ހިތް ވަރަކާއެކު ކަމަށް ޕާކިސްތާންގެ ޤައުމީ ކޯޗް ސާބިއާގެ ޒަވިސާ މިލޮސަވިޔެވިޗް ބުނެފިއެވެ.
މުބާރާތް ހުޅުވުމުގެ ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭސްއާއި ދެކޮޅަށް ރާއްޖެ ގަޑިން މެންދުރު 2:30 ގައި ނިކުތުމުގެ ކުރިން އިއްޔެ ދިއްލީ ޑަބަލް ޓްރީ ހިލްޓަން ހޮޓަލުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕާކިސްތާންގެ ކޯޗް ޒަވިސާ ބުނީ، މިއަދުގެ މެޗަށް ޓީމް ނިކުންނާނީ ރަނގަޅު ކާމިޔާބީއެއް ހޯދާ، މުބާރާތުގެ ފެށުން ރަނގަޅު ކުރުމުގެ އުންމީދުގައި ކަމަށެވެ. އަދި މުބާރާތުގެ ފޭވަރިޓް ޤައުމަކަށް ޕާކިސްތާން ނުވި ނަމަވެސް، ޕާކިސްތާންގެ ކުޅުން ތެރިންގެ ފަރާތުން މޮޅު ކުޅުމެއް މިއަދު ފެންނާނެ ކަމަށް ވެސް ޒަވިސާ އިއްޔެ ބުންޏެވެ.
ޒަވިސާ ބުނީ، ފުރަތަމަ މެޗްގައި މިއަދު އިދިކޮޅަށް ނިކުންނަ ބަނގްލަދޭޝް ޓީމަކީ މިސަރަހައްދުގެ ވަރުގަދަ ޓީމް ތަކުގެ ތެރޭގައި ހިމެނޭ ވަރަގަދަ ޓީމެއް ކަމަށެވެ. އެހެން ކަމުން ބަނގްލަދޭޝް އަތުން މިއަދުގެ މެޗް ކާމިޔާބު ކުރުމަށް ޕާކިސްތާންގެ ކުޅުންތެރިން ވަރަށް ހިތް ވަރާއެކު މަސައްކަތް ކުރާނެ ކަމަށެވެ.
މިފަހަރުގެ މުބާރާތް ހުޅުވާ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ބަންގްލަދޭޝް މިއަދު ނިކުންނައިރު، ބަންގްލަދޭޝްއަށް މުބާރާތުގެ ތަށި ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2003 ވަނަ އަހަރު އަމިއްލަ ޤައުމުގައި މުބާރާތް ބޭއްވި ފަހަރުއެވެ. އެހެންނަމަވެސް މިއަދުގެ މެޗަށް ނިކުންނައިރު ބަންގްލަދޭޝްގެ ޓީމް ވަނީ ކުރީ ފަހަރުތަކަށް ވުރެ ޓީމްގައި ޒުވާން ސްކޮޑެއް ހިމަނާފައެވެ.
އަދި މިއަދުގެ މެޗަށް ބަންގްލަދޭޝް ނިކުންނައިރު، އެޤައުމުގެ ކުރީގެ ގޯލް ކީޕަރު އަމީނުލް ހައްގު ފަދަ ކުޅުންތެރިން ރިޓަޔާ ކުރުމުން ޓީމުގައި ނަގާކިޔަން ތިބީ އިނާމުލް ހައްގު ފަދަ ފޯވާޑުންނެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ މަޝްހޫރު ކްރިކެޓް ދަނޑުގައި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހުޅުވާއިރު، މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭ މި ސްޓޭޑިއަމް އަކީ އިންޑިޔާގެ މިނިވަން ކަމުގެ ބާނީ ނެހެރޫއަށް ނިސްބަތް ވާ ދަނޑެކެވެ. މިދަނޑުގައި 60000 މީހުންނަށް ކުޅިބަލަން ތިބެވެއެވެ.
މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައެޅިފައިވާ އިނާމަކީ 50000 އެމެރިކާ ޑޮލަރެވެ. އަދި ރަނަރަޕް ޓީމަށް 25000 ޑޮލަރު ދޭއިރު، މުބާރާތުގެ ސެމީ ފައިނަލް ކުޅޭ ކޮންމެ ޓީމަކަށް 10000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ހުރިހާ މެޗެއް ސްޕޮންސާކޮސްފައި ވަނީ ސިންގަޕޫރުގެ ވޯލްޑް ސްޕޯޓް ގްރޫޕުންޏެވެ.