22 Jan 2020, 12:33
ޕްލާޒާ އެންޓަޕްރައިޒަސްގެ ފަރާތުން އެކުންފުނީގެ ޒުވާން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕަބްޖީ މުބާރާތަށް އެއް އަހަރު ފުރުން ފާހަގަކޮށް، އެންމެ ކާމިޔާބު ކުޅުންތެރިންނަށް އިނާމު ދީފި އެވެ.
ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހުގެ ރޭ 10:00 ގައި މި މުބާރާތުގެ ބައިވެރިންނަށް ޕަބްޖީގެ ވާދަވެރި މައިދާން، ޕްލާޒާގެ ފަރާތުން ހުޅުވާލަ އެވެ. އެންމެ ފުރަތަމަ މައިދާނަށް އަރާ 100 ބައިވެރިންނަށް އެ ހަފްތާގެ މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
ކޮންމެ ހަފްތާއަކުވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެނީ ޕްލާޒާއިން ވިއްކާ މަގުބޫލު ސެންޓްތަކުގެ ތެރެއިން ސެންޓު ފުޅިއެކެވެ.

ޕްލާޒާ އިންސެންސްގެ ފިހާރައިން ވިއްކާ ސެންޓުގެ ބައެއް ބާވަތްތައް-- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
ޕްލާޒާ އެންޓަޕްރައިސަސްގެ ޖެނެރަލް މެނޭޖަރު މޫސާ މުސްތަފާ ވިދާޅުވީ މުބާރާތަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިވީ އެއް އަހަރުގެ ތެރޭގައި އެންމެ ގިނައިން އެއްވަނަ ހޯދި ނުވަތަ ގޭމުގައި ކިޔާގޮތުން ނަމަ، އެންމެ ގިނައިން ޗިކަން ޑިނާ ނެގި 5 ފަރާތަށް ޕްލާޒާގެ ފަރާތުން ގިފްޓް ވައުޗާތަކެއް ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިދެނީ ފައިސާގެ އިނާމެއް، އެއްވަނައަށް 2000 ރުފިޔާ. ދެވަނައަށް 1000 ރުފިޔާއަދި އަނެއް ތިން ބޭފުޅުން ކުރެ ކޮންމެ ބޭފުޅަކަށް 500 ރުފިޔާ." މޫސަ ވިދާޅުވި އެވެ.
ޕްލާޒާއިން މި މުބާރާތް ކުރިއަށްގެންދަނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 10:00 ގަ އެވެ. އަދި މުބާރާތް ފެށުމުގެ 15 މިނެޓު ކުރިން ފޭސްބުކް މެދުވެރިކޮށް އެ ހަފްތާގެ މުބާރާތާ ގުޅޭ މައުލޫމާތު ހިއްސާ ކުރެ އެވެ.
"އަޅުގަނޑުމެންގެ ފިހާރައިގެފޭސްބުކް ޕޭޖްގައި ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިއުލާނު ކުރާނެ ބައިވެރިން އަރަންވީ ކޮން ރޫމަކަށްކަން، ރޫމް އައިޑީއަކީ ކޮބައިކަން، ޕާސްވޯޑަކަށް ޖާހާނީ ކޮން އެއްޗެއްކަން. އަދި ހަމަ އެހެންމެ އެރެއެއްގެ ކުޅިވަރު ކުރިއަށްދާނީ ކޮން މެޕެއްގައި ކަމާއި ޓައިޕަކީ ސްކޮޑް ތޯ ނުވަތަ ސޯލޯތޯ މި ހުރިހާ ކަމެއް އަޅުގަނޑުމެންގެ ޕޭޖުގައި އިއުލާނު ކުރާނެ. މިއީ ވަރަށް ފޯރިގަދަކޮށް ކުރިއަށްދާ ކުޅިވަރެއް." ޕްލާޒާ އެންޓަރޕްރައިޒެސްގެ ޖެނެރަލް މެނޭޖަރު މުސްތަފާ ވިދާޅުވިއެވެ.
މުބާރާތް ކުރިއަށްދާއިރު ބައިވެރިންގެ ޕާފޯމަންސް ބެލުމަށްޓަކައި ޕްލާޒާގެ އޮފިޝަލުން ސްޕެކްޓޭޓު ކުރަމުންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
"ހަގީގަތަކީ ދިވެހީންގެ މެދުގައި އެންމެ މަޤުބޫލް އެއް އޮންލައިން ގޭމް ޕަބްޖީއަކީ. އަޅުގަނޑުމެން ބޭނުންވީ މި ގޭމު މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކުވެސް ބައްދަލުވެ އެންޓަރޓެއިން ވެލާނެ ވަރޓުއަލް ސްޕޭސްއެއް އުފައްދަން. މިކުޅިވަރު އޮންނަ ރޭރޭގައި އަޅުގަނޑުމެންގެ ރޫމް ފުލްވާނެ، އެތަނުގައި ވަރަށްގިނަ ވާހަކަ އެބޭފުޅުން ދައްކާނެ. ގޭމްގެ ވާހަކަ، އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްގެ ވާހަކަ، އިނާމަކަށް އެރޭ ލިބެނީ ކޯއްޗެއްތޯ ވެސް އަހާ ހަދާނެ. އެއީ ޕްލާޒާ އިންސެންސްގެ ޒުވާން ކަސްޓަމަރުންނަށް ކަމުދާ މަޖާ ވަގުތުކޮޅެއްކަމަށް އަޅުގަނޑު ދެކެނީ." މޫސާ ވިދާޅުވި އެވެ.
ޕްލާޒާ އެންޓަޕްރައިޒަސްއަކީ ދިވެހިންގެ މެދުގައި މަގްބޫލު ސެންޓުގެ ގިނަ ބާވަތްތަކެއް ވިއްކާ ކުންފުންޏެވެ.
އެގޮތުން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ބްރޭންޑު ކަމަށްވާ ޑުބާއީގެ މަޝްހޫރު ސެންޓް ބްރޭންޑް، ރަސާސީގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވެސް އެކުންފުންޏެވެ. އެކުންފުނިން ރަސާސީއާއެކު އެގުޅުން ދަމަހައްޓަމުން އަންނަތާ މިހާރު 18 އަހަރު ވަނީ ވެފަ އެވެ.

ޕްލާޒާ އިންސެންސްގެ ފިހާރައިން ވިއްކާ ސެންޓުގެ ބައެއް ބާވަތްތައް-- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
ދިވެހިންގެ މެދުގައި މަޤުބޫލް ރަސާސީ ބްރޭންޑްގެ ސެންޓްތަކުގެ ތެރޭގައި ޑާރޭޖް، ރިލޭޝަން، ފީލިންގްސް، ޗެސްޓިޓީ، ބްލޫ ފޮ މެން، ހަވަސް ފަދަ މީރުވަސް ދުވާ ގިނަ ބާވަތް ތަކުގެ ސެންޓާއި ބޮޑީ ސްޕްރޭ އެކުންނީން ރާއްޖޭގައި ވިއްކަ އެވެ.
ޕްލާޒާއިން ވަނީ މިއަހަރުގެ ފުރަތަމަ ދުވަހު އެކުންފުނީގެ ރީޓެއިލް ވެބްސައިޓެއް ވެސް ލޯންޗުކޮށްފަ އެވެ. މި ވެބްސައިޓް މެދުވެރިކޮށް ޕްލާޒާގެ ފިހާރައިން ލިބޭ ހުރިހާ އުފެއްދުމެއް ގަތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.