ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ނުވަ ވަނަ ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ. މި ޤާނޫނަށް ޢަމަލު އިއްޔެ އިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.

ޤާނޫނަށް ގެނައި އިޞްލާޙުގައިވާ ގޮތުން، ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި އެކްސްޕޯޓް ކުރުމާއި، ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމާއި، މިއިން ކަމެއް ރާއްޖޭގައި ހިންގަންވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންނެވެ. އަދި މި ޤާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށާއި ހިންގުމަށް ހަދަންޖެހޭ ގަވާއިދުތައް ހައްދަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިޞްލާޙުގައި، ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތިންނާއި، ތިމާވެށްޓާ ރައްޓެހި ތަކެތިންނާއި، ގަހު ކާނާގެ އެންމެހާ ބާވަތްތަކުންނާއި، އިޢާދަކުރަނިވި ހަކަތައިން ހިންގާ މެޝިންފަދަ ތަކެތިންވަނީ ޑިއުޓީ މާފުވެފަ އެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކުން ވެސް ވަނީ ޑިއުޓީ މާފްވެފައެވެ. ނަމަވެސް، ރާއްޖެއިން ލިބެންހުރި ކާބޯތަކެތީގެ ބާވަތެއް ރާއްޖެއަށް އެތެރެކުރާނަމަ، އެތަކެތިން ނަންގަވާ ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. އަދި ތިމާވެއްޓަށް ގެއްލުން ލިބޭ ތަކެތިންނާއި، ޞިއްޙަތަށް ގެއްލުން ލިބޭ ތަކެތިން ވެސް ވަނީ ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. ޞިއްޙަތަށް ގެއްލުން ލިބޭ ތަކެތީގެ ގޮތުގައި ބައްލަވާފައިވަނީ، ދުންފަތާއި ދުންފަތް އެކުލެވޭ ބާވަތްތަކެވެ.

ރައްޔިތުންގެ މަޖިލީހުހް މި އިސްލާހު ފާސް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.