02 Dec 2011, 01:36
ރާއްޖެއަށް ބުދު އެތެރެކުރުމާއި ބަނގުރާ ވިއްކުން އާންމުކުރުމާއި އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރުން ފަދަ ކަންކަމަކީ މިއަދުގެ ސަރުކާރުން ކުރުވާކަމެއްކަމަށް މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗް ގެ މަސްއޫލުވެރިޔާ އިކުރާމް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ "އިސްލާމް ދީން ހިމާޔަތްކުރުން" މިނަމުގައި އެ ސޮސައިޓީން މިރޭ ކާނިވާ ސްޓޭޖްގައި ބޭއްވި ދީނީ ދަރުސް ފެއްޓެވުމުގެގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އިކުރާމް ވިދާޅުވީ ސަރުކާރުން އިސްލާމް ދީނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވަމުންދާ ކަމަށާއި އެކަމާއި ދެކޮޅަށް ރައްޔިތުން މިއަދު ނުކުންނަން ވެއްޖެ ކަމަށެވެ.
"އިސްލާމްދީން ހިމާޔަތް ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތަކަށްވާއިރު މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ރައްޔިތުން ނުކުމެ ދީން ހިމާޔަތްކުރަން މިވަނީ ޖެހިފައި. ސަބަބަކީ ރާއްޖެއަށް ބުދު އެތެރެކުރުމާއި ބަނގުރާ ވިއްކުން އާންމުކުރުމާއި އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރުން ފަދަ ކަންކަން ސަރުކާރުން ކުރަމުން ދާތީ،" އިކުރާމް ވިދާޅުވި އެވެ.
މިރޭ ދަރުސް ދެއްވާފައިވަނީ ދާދިފަހުން މެލޭޝިޔާއިން ޕީއެޗްޑީ ނިންމެވި ޝެއިޚް އާދަމް ޝަމީމް ބިން އިބުރާހިމެވެ.
އޭނާ ވަނީ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ ރާއްޖެ ވަޑައިގެން އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކަވާފައިވާތީ އެކަމުގެ މައްޗަށް އަލި އަޅުވައިލައްވާފަ އެވެ.
~
އޭނާ ވިދާޅުވީ ބޭރު ގައުމުތަކުގައި އިސްލާމްދީނާއި ދެކޮޅު ވާހަކަތައް ދެއްކުމަކީ އާންމުކަމެއް ކަމަށާއި ނަމަވެސް ޒިނޭކުރާ މީހުންގެ ގައިގާ ހައްދު ޖެހުމަކީ މާތްﷲ ކަނޑައަޅުއްވާފައިވާ ހުކުމަކަށްވާތީ ރާއްޖޭގައި ތިބެ އެއްވެސް ބަޔަކަށް އެކަމަށް ފާޑު ނުކިޔޭނެ ކަމަށެވެ.
"ކިހިނެތްތޯ މުސްލިމުންގެ ތެރޭގައި، އިސްލާމީ މަޖިލީސްތަކެއްގެ ތެރޭގައި، މުސްލިމް ޖަމާއަތުގެ ތެރޭގައި އެފަދަ ވާހަކަތަކެއް ދެކެވޭނީ. އިސްލާމަކަށް ވިޔަސް ޣައިރު މުސްލިމަކަށްވިޔަސް ކީއްވެތޯ ދެކެވެންވީ. މިއީ ހުރިހާ ދިވެހީންނަށް ހުރި ނިކަމެތިކަމެއް މީގެ ބަދަލު ދިވެހީން އެބަޖެހޭ ހޯދަން. ޕިއްލޭ، ޕިއްލޭގެ ގޯތިތެރޭގައި ނުވަތަ ގަނޑުވަރުގެ ތެރޭގައި ޕިއްލޭގެ ސަރަހައްދުތެރޭގައި އޭނަ ދައްކާނެ ވާހަކައެއް ދައްކަންވީ، އެއިރުން އިސްލާމަކު ނުބެހޭނެ. ސިޔާސީ ކަޅިއަކުން އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ ގުރުއާނާއި އެއްގޮތަށް މިގައުމުގައި ހުކުމް ކުރެވޭނެކަމަށް ނަސްއު ކުރެވިފައިވަނިކޮށް އެފަދަ ނިކަމެތި ދައިތަގަނޑެއް އައިސް އެގޮތަށް ވާހަކަދައްކަންވީ ކީއްވެގެންތޯ،" ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕިއްލޭ އެގޮތަށް ވާހަކަ ދެއްކެވީ ރާއްޖެއަކީ ކޮންކަހަލަ ގައުމެއްކަން ނޭނގި ކަމަށާއި، ޕިއްލޭ ލައްވައި އިސްލާމް ދީނާއި ޚިލާފު ވާހަކަތަކެއް ގަސްތުގައި ބަޔަކު ދެއްކެވީ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެކަމަކީ ޕިއްލޭއަށް އޮޅުވާލައިގެން ބަޔަކު ކުރުވި ކަމެއްކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.