ކޯޓުން ބޭރުން ކުޑަކުއްޖަކު ކައިވެނި ކުރުވި މައްސަލައެއްގައި ޏ. ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ ހަރުކަށި ފިކުރު ގެންގުޅެ ގާނޫނާ ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ކަމަށް ބުނެ އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން ފުލުހުުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ 14:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާއަކީ މީގެކުރީންވެސް 18 އަހަރުން ދަށުގެ އަންހެން ކުދިންނާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

އެމީހާގެ އިތުރުން އެ އަންހެން ކުއްޖާގެ މަންމަވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އަންހެން ކުއްޖާއާ މެދު އިހުމާލުވެފައިވާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އާދިއްތަ ދުވަހުގެ 16:02 ގައި 35 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.

ދާދި ފަހުން ވަނީ އުމުރުން 13 އަހަރުގެ ކުއްޖެއް ގާނޫނުން ބޭރުން "ކައިވެނި" ކުރި މައްސަލައެއް ފެންމަތިވެފައެވެ. ގާނޫނުގެ ބޭރުން ކައިވެނިކޮށްފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން "ކައިވެނި"ކޮށް ބަލިވެއިނދެ ވިހޭކަން ހާމަވީ ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި މިފަހުން ހިނގި ހަމަނުޖެހުމެއްގައި ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށްލި ޒުވާނާ، އެ ކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް "ސަން"ގައި ރިޕޯޓުކުރި ކުރުމުން އެވެ.

އެ މައްސަލައިގައި ހައްމާދުގެ އިތުރުން އެކުއްޖާގެ މައިންބަފައިންނަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އަދި ހައްމާދުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.