ޖިންސީ ގޯނާ ފަދަ ނުރައްކާތަކަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑު އެކުލަވާލައި އެ މިންގަނޑު ޖެންޑާ މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފި އެވެ.

ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖެއްގެ ކާފަ އާއި މުނިކާފަ ވެގެން، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލަ ފެންމަތިވެ، ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ވަނީ، ތަހުގީގެއް ހިންގައިފަ އެވެ. އަދި އެފަދަ ކަންކަން ތަކުރާރުނުވުމަށް ފިޔަވަޅުތަކެއް އެޅުމަށް އެ މިނިސްޓްރީއަށް ވަނީ މަޖިލީހުގެ ރައީސް އަންގަވައިފަ އެވެ.

ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑު އެކުލާވާލެއްވުމަށްފަހު އެ މިންގަނޑު މިނިސްޓްރީއިން މަޖިލީހާ ހިއްސާކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އޭގެ ތަފްސީލެއްް އޭނާ ނުދެއްވަ އެވެ.

ކޮމިޓީއިން ނިންމާފައި ވަނީ، އެފަދަ ކަންކަން ހުއްޓުވުމަށް ހަ ފިޔަވަޅެއް އެޅުމަށެވެ. އެއީ؛

  • ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން ރަނގަޅަށް ބޭނުން ކުރަން ފަށައި އެ ޑޭޓާބޭސް ބޭނުންކުރަން ފަށަން.

  • މުއައްސަސާތަކަށް އެއް މަސް ދުވަހުގެ މުހުލަތެއް ދިނުން
    މިހާރު ހުރި ޑޭޓާތައް ބޭނުންކޮށްގެން ހަތް ދުވަސް ތެރޭގައި ހައި ރިސްކު އާއިލާތައް މޮނިޓާ ކުރަން ފެށުން.
  • ހެއްކާ ބެހޭ ގާނޫނާއި ވިޓްނަސް ޕްރޮޓެކްޝަން ގާނޫނު އަވަސް ކުރަން ހުށަހެޅުން.
  • ޖިންސީ ގޯނާގެ މައްސަލަތައް ކޯޓްތަކުގައި އަވަސް ކުރަން ކުރެވިދާނެ ކަންތަކާ ގުޅޭ ރިޕޯޓެއް އެކުލަވާލައި، ޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ނިންމަން ކޯޓުތަކަށް ވަކި މުހުލަތެއް ދޭން ބަދަލުތައް ގެނައުން.
  • ރަށުގެ މުއައްސަސާތަކުން ކޮންމެ ރަށެއްގައި ތިބި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހުން ހޯދައި 30 ދުވަހުގެ ތެރޭގައި އެ މީހުން މޮނިޓާ ކުރަން ފެށުން.
  • މިހާރު ކޯޓުތަކުން ދޫވެފައި ތިބި މީހުން ދޫވެފައި ތިބި ތިބުމުން ރިވިއުކޮށް އެ މީހުން މޮނިޓަރިންއަށްލުން.
  • ޗައިލްޑް ޕްރޮޓެކްޝަންގެ މަސައްކަތް ކުރާ ޑިޕާޓްމެންޓުތަކުގެ އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދަން ފެށުން.

އެކަންކަން ތަންފީޒު ކުރުމަށް މަޖިލީހުގެ ރައީސް ވަނީ ޖެންޑާ މިނިސްޓްރީ އަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގަވައިފަ އެވެ.