ބަޣްދާދު (ޑިސެމްބަރ 1) : ޢިރާޤުގައި ކާރުބޮމެއް ގޮއްވާލުމުގެ ސަބަބުން 10 މީހަކު މަރުވެ 25 މީހަކު ޒަޚަމްވެއްޖެވެ. ޢިރާޤުގެ ފުލުހުން ބުނިގޮތުގައި މިކާރުބޮން ގޮއްވާލާފައިވަނީ ބަޣްދާދުގެ އިރުއުތުރުން 80 ކިލޯމީޓަރުގެ ދުރުގައިވާ ދިޔާލީ ގަވަރނޭޓްގެ އަލްޚާލިސް އަވަށުގެ ތަރުކާރީ މާރުކޭޓެއްގެ ކައިރީގާ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ގޮވާތަކެތި އަޅާފައިވާ މިކާރު ގޮއްވާލާފައިވަނީ މަގުމަތީގައި ޕާކުކޮށްފައި ވަނިކޮށް ކަމަށް މަންޒަރުދުށްމީހުން ބުނެއެވެ. މި ކާރުބޮން ގޮއްވާލާފައިވަނީ އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ކުއްލި ދަތުރުފުޅެއްގައި ޢިރާޤަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އެމެރިކާ ސިފައިން ޢިރާޤަށް އަރައިގަނެ ޢިރާޤާ ދެކޮޅަށް ހަނގުރާމަފެށުމާގުޅިގެން ޢިރާޤުވަނީ ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވެފައެވެ.

ޢިރާޤު ހަނގުރާމަ ނާކާމިޔާބުވެ އެމެރިކާގެ އިޤްތިސާދު ހީނަރުވާންފެށުމުން އެމެރިކާވަނީ ޢިރާޤުން ފައިބަންފަށާފައެވެ. މިހާރު ޢިރާޤުގައިތިބީ އެމެރިކާގެ އެންމެ 13 ހާސް ސިފައިން ކަމަށާއި މި 13 ހާސް ސިފައިންވެސް މިއަހަރު ނުމުމުގެ ކުރިން ޢިރާޤުން ފައިބާނެ ކަމަށް ޚަބަރު ލިބެއެވެ.

ޢިރާޤާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައިގައާއި އެހަނގުރާމައިގެ ސަބަބުން ޢިރާޤުގައި އުފެދުނު ބޮންގޮއްވުމުގެ ޢަމަލުތަކުގެ ސަބަބުން ޢިރާޤުގެ އެތަށް ލައްކަބަޔަކު މަރުވެފައިވާއިރު މީގެތެރޭގައި ގިނައީ ޢާންމުންނެވެ. -- އަލްޖަޒީރާ