01 Dec 2011, 22:09
ނެބިޓާއޮ (ޑިސެމްބަރ 1) : މިޔަންމާ އަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން މިޔަންމާގެ ރައީސް ތިންސިން އާ ނެބިޓާއޮ ގައި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ހިލަރީވަނީ ތިންސިންގެ ޒަޢާމަތުގައި މިޔަންމާއަށް ގެނައި ޑިމޮކްރެޓިކް އިސްލާހްތަކަށް މަރްޙަބާ ވިދާޅުވެ އެކަމަށް އެމެރިކާ ހިއްވަރުދޭކަން ހާމަކުރައްވާފައެވެ. ހިލަރީއަކީ ވޭތުވެދިޔަ ސާޅީހަކަށް އަހަރު ތެރޭގައި އެޤައުމަށް ޒިޔާރަތްކުރެއްވި އެމެރިކާގެ އެންމެ އިސް މަސްއޫލުވެރިޔާއެވެ. މިޔަންމާ އަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެޤައުމު އެކަހެރި ކުރުމަށް އެމެރިކާ އިސްވެ އޮވެގެން ގެންގުޅުނު ހަރުކަށި ސިޔާސަތުތައް މިހާރު އެމެރިކާވަނީ ދޫކޮށްލާފައެވެ.
މިސިޔާސަތުތައް ދޫކޮށް މިޔަންމާއާއެކު އައުސަފްޙާއެއް ފަށަން އެމެރިކާ ނިންމީ މިޔަންމާގެ ކުރީގެ ޢަސްކަރީ ވެރިޔާ އަދި މިހާރުގެ ރައީސް ތިންސިން ގެ ވެރިކަމުގައި އެޤައުމަށް ދިމުޤްރާތީ އިސްލާޙްތައް ގެނަސް އިދިކޮޅު ޒަޢީމާ އަންގސަން ސޫޗީ މިނިވަންކޮށް ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ފުރްސަތު އޭނާއަށް ދިނުމުންނެވެ. ދިމުޤްރާތީ އިސްލާޙްތަކަށްފަހު ބޭއްވި މިނިވަން އިންތިޚާބު ކާމިޔާބު ކުރައްވައިގެން އަލުން ވެރިކަމަށް ވަޑައިގަތީވެސް ކުރީގެ ޢަސްކަރީ ވެރިޔާ ތިންސިން އެވެ.
ހިލަރީ މިޔަންމާ އަށް ކުރައްވާ ތާރީޚީ ދަތުރުފުޅުގައި އެޤައުމުގެ އިދިކޮޅު ޒަޢީމާ އަންގސަންގ ސޫޗީ އާ ވެސްވަނީ ބައްދަލުކުރައްވާފައެވެ. ސޫޗީ ވަނީ މިޔަންމާއާއެކު ސިޔާސީ އަދި އިޤްތިސާދީ ގުޅުންތައް ބަހިކުރުމަށް ހިލަރީގެ ކިބައިން އެދިވަޑައިގެންފައެވެ. -- ނޫސްއެޖެންސީތައް