10:00


ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސްވިޒަލެންޑާ ވާދަކޮށް އެކެއް ސުމަކުން މޮޅުވެ ޗިލީ ދެވަނަ ބުރާ ގާތަށް ޖެހި، ހޮންޑިއުރާސްގެ މައްޗަށް ދޭއް ސުމެއްގެ ކާމިޔާބީއެއް ސްޕެއިން ހޯދައިފި އެވެ.


ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި ޖެހި ހަމައެކަނި ލަނޑު ޗިލީން ޖަހައިފައި ވަނީ 75 ވަނަ މިނެޓްގައި މާކް ގޮންޒާލޭޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް އޭނާ އެވެ.


ރޭގެ މެޗަކީ ބަލާހިތްވި، އެހެން ނަމަވެސް ގިނަ ކާޑުތަކެއް ފެނިގެންދިޔަ މެޗެކެވެ. މި ގޮތުން ސްވިޒަލެންޑްގެ މިޑްފީލްޑަރ ބެހްރާމީ އަށް ރަތްކާޑެއް ދައްކައި ވަނީ ދަނޑުން ފޮނުވާލައިފަ އެވެ. އޭގެ އިތުރުން ޗިލީގެ ހަ ކުޅުންތެރިއަކަށާއި ސްވިޒަލެންޑްގެ ތިން ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކައިފަ އެވެ.


މެޗްގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތައް އުފައްދާފައި ވަނީ ޗިލީނެވެ. އެހެން ނަމަވެސް ސްވިޒަލަންޑަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ގޯލް ދާގަނޑާ ހަމައަށް ފޮނުވާލެވޭވަރު ވަނީ ނުވެފަ އެވެ.


ރޭގެ މެޗުގައި ހޮންޑިއުރާސްގެ މައްޗަށް ދޭއް ސުމެއްގެ ކާމިޔާބީއެއް ސްޕެއިން ހޯދިއިރު ސްޕެއިންގެ ދެ ލަނޑު ވެސް ޖަހައިފައި ވަނީ ހަލުވި ފޯވަޑް ޑޭވިޑް ވިލާ އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.


ރޭގެ މެޗުތަކަށްފަހު ގްރޫޕް އެޗްގައި ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޗިލީ އެވެ. ސްޕެއިން އާއި ސްވިޒިލެންޑަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެހެން ނަމަވެސް ޕޮއިންޓްގެ ގޮތުން ކުރި ލިބި ދެ ވަނަ ލިބެނީ ސްޕެއިންއަށެވެ. ތިން ވަނަ ސްވިޒަލެންޑަށް، ހޮންޑިއުރަސް އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.


މި މުބާރާތުގައި މިއަދު ހަތަރު މެޗް ކުޅެވޭނެ އެވެ. މީގެ ތެރެއިން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ މުބާރާތް ބާއްވާ ޤަވްމު ކަމުގައިވާ ސައުތު އެފްރިކާ އާއި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ފްރާންސް ބައްދަލުކުރާ މެޗެވެ. މާލޭ ގަޑިން މިރޭ 7 ޖަހާއިރު ފަށާ މި މެޗުން މޮޅުވުން ސައުތު އެފްރިކާ އަށް ވެސް އަދި ފްރާންސް އަށް ވެސް ވަރަށް މުހިއްމެވެ. ހަމަ އެ ގަޑީގައި މެކްސިކޯ އާއި އުރުގުއޭ ބައްދަލުކުރާ މެޗް ވެސް ކުރިއަށްދާނެ އެވެ.


މާލޭ ގަޑިން މިރޭ 11.30 ގައި އާޖެންޓީނާ އާއި ގްރީސް ބައްދަލުކުރާ މެޗުން ގްރީސް ބަލިވެއްޖެނަމަ އެ ޓީމް މުބާރާތާ އަލްވަދާއުކިޔާނެ އެވެ. އެ މެޗް ކުރިއަށްދާއިރު ނައިޖީރިޔާ އާއި ސައުތު ކޮރެޔާގެ މެޗް ވެސް ކުޅެމުންދާނެ އެވެ.