އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކޮމިޝަންގެ މެންބަރުންނަށް ދެއްވައިފި އެވެ.

އޭސީސީގެ މެންބަރުންނާ އެކު ރައީސް އޮފީހުގެ އެމަނިކުފާނު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އެ އޮފީހުން ބުނީ، ރައީސް ވަނީ ކޮމިޝަނުން ކުރާ މަސައްކަތް ފާހަގަ ކުރައްވާ، ޝުކުރު އަދާ ކުރައްވާފައި ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުންވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވާކަމަށް ރައީސް ކޮމިޝަންގެ މެންބަރުންގެ އަރިހުގައި ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޭސީސީއަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ތަރައްގީގެ ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭތީ މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށްވެސް ރައީސް ކޮމިޝަނުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޭސީސީއިން އެކަމާ ގުޅިގެން އޭރު، ބުނީ މަޝްރޫއުތައް މަޑުޖައްސަން ޖެހޭ ސަބަބުތައް އެބަ ހުރި ކަމަށެވެ. އަދި އެ ކަންކަމާ ގުޅޭ ގޮތުން ރައީސްއާ މަޝްވަރާ ކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އޭސީސީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ގޮތުން ކޮމިޝަނުން އަމަލުކުރަމުންގެންދާ އާންމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ހާލަތްތަކުގައި އެ ކޮމިޝަނުން ގެންގުޅޭ އުސޫލުތައް ފަދަ މައުލޫމާތު އޭސީސީއިން ރައީސްއާ ހިއްސާ ކުރެއްވި އެވެ.

އެ ކޮމިޝަނުގެ މެމްބަރުން ވަނީ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އެޅުމުގެ މަސައްކަތްކުރާކަމަށް އެ ބައްދަލުވުމުގައި ފާހަގަކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިއަދުގެ އެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތަކާ ބެހޭގޮތުން ރައީސްއަށް މައުލޫމާތު އަރުވައިފަ އެވެ.