ނިއުދިއްލީން: މުޙައްމަދު ޝާން

ދިވެހި ޓީމްގެ 12 ވަނަ ކުޅުންތެރިޔާ، ސަޕޯޓަރުން ދިވެހި ޓީމާއެކު ތިބިކަމަށް ވާނަމަ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ގައުމީ ޓީމް އޮތީ އެއްރޫހެއްގައި ތައްޔާރުވެފައި ކަމަށް ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) މިއަދު ބުނެފި އެވެ.

"ސަޕޯޓަރުން ތިބިއްޔާ ، ކުޅުންތެރިން ތިބީ ތައްޔާރަށް، އެންމެން އެއް ރޫހެއްގައި،" ދަގަނޑޭ ބުންޏެވެ.

މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ދިވެހި ޓީމް މިއަދު ކުރި ފައިނަލް ފަރިތަކުރުމަށް ފަހު ސަން އޮންލައިނަށް ދިން އިންޓަވިއުގައި ކެޕްޓަން ދަނގަޑޭ ބުނީ، ޓީމް އޮތީ މިފަހަރުގެ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެ، މުބާރާތް ކާމިޔާބު ކުރުމުގެ ހެޔޮނިޔަތުގައި ކަމަށެވެ. އަދި ޓީމްގެ ހުރީހާ ކުޅުންތެރިން ވެސް ތިބީ ދިވެހިން އެންމެ ބޭނުން މިވާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް އެކެއްޗެއް ކިޔާ އަތުގުޅުވާލައިގެން ކަމަށް ވެސް ދަނގަޑޭ ބުންޏެވެ.

"ދިވެހި ޓީމާއެކު ދިވެހި ސަޕޯޓަރުން ތިބިނަމަ އަހަރެމެން މިތިބީ މިފަހަރު މުބާރާތް ކާމިޔާބު ކުރަން. 100 ޕަސެންޓް ޔަގީން ކަން އެބޮތް މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް. ޓީމްގެ ކުޅުންތެރިން ވެސް މިހާރު ތިބީ މާދަމާގެ މެޗް ކާމިޔާބު ކުރުމުގެ ވަރުގަދަ އަޒުމުގައި" ދަނގަޑޭ ބުންޏެވެ.

ރާއްޖެއާ ދެކޮޅަށް ފުރަތަމަ މެޗުގައި މާދަމާ ނިކުންނަ ނޭޕާލަކީ މި ވަގުތު ސާކް ސަރަހައްދުގައި އެންމެ ބާރަށް ފުޓްބޯޅައިން ކުރިއަރަމުން އަންނަ ޤައުމެކެވެ. ނަމަވެސް މާދަމާ ރާއްޖެ ގަޑިން 5:30 ނޭޕާލާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ނޭޕާލްގެ ކޯޗް މިއަދު ބުނެފައި ވަނީ، ދިވެހި ޓީމަކީ ނޭޕާލަށް ބަލިކުރެވިދާނެ ޓީމެއް ކަމަށެވެ.