ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެލިސްޓްއާންމު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނީ އެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަސް ދޭނެ ކަަމަށެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން ރަށްވެހިކަން، ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 15ގެ ކުރިން ރައްވެހިކަން ބަދަކޮށް، ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ކައުންސިލްތަކުގެ 33 ޕަސަންތް އަންހެނުންނަށް ހާއްސަ ކުރަން ޖެހެއެވެ. އަދި އާބާދީ 3،000 އަށް ވުރެ މަތީގެ ރަށްތަކަށް ހަތް ކައުންސިލަރުން ހޮވަން ޖެހެއެވެ.

އިންތިހާބުގައި ވާދަކުރަން ބައެއް ޕާޓީތަކުން މިހާރު ދަނީ ޕްރައިމަރީތައް ބާއްވަމުންނެވެ.